މޭބިސްކަދުރު ނުވަތަ ގްރޭޕްސްއަކީ އާންމުކޮށް ފިނިމޫސުމުގައި ހައްދާ މޭވާއެއް ނަމަވެސް، އަހަރުގެ ކޮންމެ ހިސާބެއްގައިހެން ވެސް މި މޭވާ ލިބެން ހުރެއެވެ. މިމޭވާގައި އެހުން ހުތް-ފޮނި ރަހައަކީ އަނގަޔަށް މީރު ރަހަކަށްވާއިރު، މިއީ ސިއްހަތަށްވެސް ގިނަ ގުނަ ފައިދާތަކެއް ލިއްބައިދޭ މޭވާއެކެވެ.

ކޯޅިއަކަށް ހެދިފައި އޮތެއްކަމަކު، މި ކުޑަކުޑަ މޭވާއަކީ ކެންސަރާ ހަނގުރާމަ ކުރުމުގެ ބާރުވެސް އެއަށް ލިބިފައިވާ މޭވާއެއްކަން އެނގޭ ހެއްޔެވެ؟ ފެހި އަދި ރަތް މޭބިސްކަދުރަށް ރެސްވެރަޓްރޯލްގެ މުއްސަނދިކަން ލިބިފައިވެއެވެ. މިއީ ނިހާޔަތަށް މުހިންމު ފައިޓޯއެސްޓްރޯޖެންގެ ބާވަތަކެވެ.

ވެލަކުން މޭބިސްކަދުރު ކޯނި ކަނޑަނީ/ފޮޓޯ: މެޑިކަލް ނިއުސް ޓުޑޭ

ދުނިޔޭގެ އެކި ހިސާބުތަކުގައި އެންމެ އާންމުކޮށް ހައްދާ އެއް މޭވާއަކީ ވެސް ގްރޭޕްސްއެވެ. އެންމެ ގިނައިން ހައްދަނީވެސް ފެހިކުލައާއި ރަތްކުލައިގެ ގްރޭޕްސްއެވެ. މިއީ ހަށިގަނޑަށް ބޭނުންވާ މުހިންމު އެންޓިއޮކްސިޑެންޓެއް ވެސްމެއެވެ.

ގަވާއިދުން ގްރޭޕްސް ބޭނުންކުރުމުގެ ފައިދާތަކުގެ ތެރޭގައި ހަކުރު ބައްޔާ، ހިތުގެ ބަލިތަކާ، ގޮހުގެ ބަލިތަކަށް ލުއި ލިބޭކަން ފާހަގަކުރަންޖެހެއެވެ. ގްރޭޕްސްއަކީ ވިޓަމިން އޭ އިން މުއްސަނދިވެފައިވާ މޭވާއެކެވެ. މިއީ ލޮލުގެ ފެނުމަށް މުހިންމު މާއްދާއެކެވެ. ގްރޭޕްސްއަކީ އޭގައި ފުދޭވަރަކަށް ފެނުގެ ބައިވެސް އެކުލެވޭ މޭވާއެއްކަމުން، މިއީ ހޫނު ދުވަސްދުވަހަށްވެސް އެންމެ އެކަށީގެންވާ އެއް މޭވާއެވެ.

ގްރޭޕްސްގައި އެކުލެވިގެންވާ މާއްދާތަމުގެ ތެރޭގައި ޕޮޓޭސިއަމް، ފެން އަދި ސޯޑިއަމް ހިމެނޭއިރު، މި 3 މާއްދާ އެކުގައި ހަށިގަނޑުގެ ތެރެއަށް ދައުރުކުރުމަކީ، ހަށިގަނޑުގެ ތެރޭގައި ހުންނަ ވިހަ މާއްދާތައް ނިޒާމުން ބޭރުކުރުމަށް އެހީވެދޭ ކަމެކެވެ. ދުވާލަކު ބޯތައްޓެއްގެ ގްރޭޕްސް ކާނަމަ، ގޮހޮރާ ކިޑްނީގެ ބަލިތައް ޖެހުމުން ދުރުކޮށްދެއެވެ.

މޭބިސްކަދުރު އަޅައިގެން ތައްޔާރުކޮށްފައިވާ ހެނދުނުގެ ނާސްތާއެއް/ފޮޓޯ: ވަންޒޫމް

އެލާޖީއެއްގެ ސަބަބުން ލޮލާ ނޭފަތުން ފެންނަ އަންނަ މީހުންނަށްވެސް ގްރޭޕްސްއަކީ ފަރުވާއެކެވެ.

ހަށިގަނޑަށް އެތެރެވާ ކާބޯހައިޑްރޭޓްސްގެ މާއްދާތައް ލަސްލަހުން ބޭރުކުމަށް ގްރޭޕްސް އެހީވެދެއެވެ. ނަތީޖާއަކަށް ވަނީ ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު ކޮންޓްރޯލް ކުރެވުމެވެ. ހަމަ އެހެންމެ، އުމުރަށްވުރެ އަވަހަށް ހަންގަނޑު މުސްކުޅިވެ ރޫޖެހުން ހުއްޓުވުމަށްވެސް ގްރޭޕްސް ވަރެއް ހަމަނެތެވެ. މޭބިސްކަދުރުގައި ހިމެނޭ ފްލެވަނޮއިޑްސްގެ ސަބަބުން ހަންގަނޑުގެ ވިދުން އިތުރުކޮށްދެއެވެ.