މާފުށީ ޖަލުގައި އޮފިސަރުންނާއި ގައިދީންނާ ދެމެދު ހަމަނުޖެހުން ހިނގާ، ޖަލުގެ ހާލަތު ގޯސްވީ އޮފިސަރުން އަމަލުކުރިގޮތުން ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރުވެވަޑައިގެން، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުނާޒު ވިދާޅުވީ ޖަލުގައި ހިނގައިދިޔަ ކަންތައްތަކުގައި ޖަލުގެ ހާލަތު ގޯސްވީ ޖަލު އޮފިސަރުން އަމަލު ކުރިގޮތުން ކަމަށެވެ.
މުނާޒު ވިދާޅުވީ ޖަލުގައި އަމަލުކުރަން އޮންނަ އުސޫލުން އޮފިސަރުން އަމަލުކުރެއްވި ނަމަ ޖަލުގެ ހާލަތު ގޯސް ނުވާނެ ކަމަށެވެ. ނަމަވެސް އޮފިސަރުން އަމަލުކޮށްފައި ވަނީ އުސޫލާ ހިލާފަށް ކަމަށާއި، އެކަންކަން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މުނާޒު ވިދާޅުވީ ޖަލުގައި ހިނގައި ދިޔަ ކަންތަކުގައި އޮފިސަރުން ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް އެ އޮފިސަރުންނާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އެނާ ވިދާޅުވިއެވެ.
މާފުށީ ޖަލުގައި ހިނގައިދިޔަ ހާދިސާ ތަފްސީލު ކޮށްދެއްވަމުން މުނާޒު ވިދާޅުވީ، އޮފިސަރެއް ޖަލުގޮޅިއަށް ވަނީ، އެ ގޮޅީގައި ބަންދުކޮށްފައިވާ ގައިދީއަކު ދަނގަޑު ބުރިއެއް ގެންގުޅޭތީ އެ އަތުލަން ކަމަށެވެ. ނަމަވެސް، އެކަމުގެ ތެރޭގައި ގައިދީ އޮފިސަރަށް ހަމަލާ ދިން ކަމަށާއި، އެ ގޮޅިއަށް ވަތް އެހެން ދެ އޮފިސަރަކަށް ވެސް ގައިދީ ހަމަލާ ދިން ކަމަށެވެ.
މުނާޒު ވިދާޅުވީ ބައެއް މީޑިއާތަކުގައި ގައިދީން ބިޑި އެޅުވުމަށްފަހު ފުރަގަސްފަރާތާއި، ކުރިމަތި ފަރާތަށް ޕެޕާ ސްޕްރޭ ޖެހިކަމަށް ބުނާ ވާހަކަތަކަކީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމަށެވެ. އަދި އެއްވެސް ގައިދީއަކަށް އެފަދަ އަނިޔާއެއް ދީފައި ނުވާ ކަމަށާއި، ގައިދީން ކައިރިން އެ ވާހަކަތައް ސާފުކުރި އިރު، އެއްވެސް ގައިދީއަކު އެފަދަ އަނިޔާއެއް ލިބުނުކަމުގެ ޝަކުވާ ކޮށްފައި ނުވާ ކަމަށެވެ.
މާފުށީ ޖަލުގައި ހިގައިދިޔަ ހާދިސާގައި ހަ ގައިދީއަކަށް ފަރުވާދީފައިވެއެވެ. ނަމަވެސް އެއްވެސް ގައިދީއަކަށް ބޮޑު އަނިޔާއެއް ނުވާ ކަމަށާއި، އޮފިސަރުންނަށް ވެސް މި ހާދިސާގައި އެކިކަހަލަ އަނިޔާ ލިބިގެން ފަރުވާ ދިންކަމަށް މުނާޒު ވިދާޅުވިއެވެ.