މާފުށީ ޖަލުގައި ހިިނގައި ދިޔަ ހާދިސާއާއި ގުޅިގެން، އެކަމުގެ މައުލޫމާތު ސާފުކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ފަހު ބައި ސިއްރުކޮށްފިއެވެ.

މިރޭ ބޭއްވި ބައްދަލުވުމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކުރުމަށް ނިންމި ނަމަވެސް، މި ބައްދަލުވުމަށް ވަޑައިގެންނެވީ މުނާޒު އެކަންޏެކެވެ. އިމްރާން ކޮމިޓީއަށް ވަޑައިގެންނެވުމުގެ ބަދަލުގައި ވަޑައިގެންނެވީ ތިނަދުއަށެވެ.

މިރޭގެ ކޮމިޓީގައި މެންބަރުން މުނާޒާއި ސުވާލުކުރެއްވުމުން، އޭނާ ވަނީ ބައެއް ސުވާލުތަކުގެ ޖަވާބަކީ ލައިވްކޮށް ދެންނެވޭނެ ވާހަކަތަކެއް ނޫން ކަމަށާއި، އެކަން ސިއްރުގޮތުގައި ހާމަކުރައްވާނެކަމަށް ވިދާޅުވެފައެވެ. މުނާޒު ވަނީ މެންބަރުންގެ ސުވާލުތަކުގެ ތެރެއިން ލައިވްގައި ޖަވާބު ދެއްވޭނެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

"މި މައްސަލައިގެ ހައްސާސްކަމުން، ބައެއް ވާހަަކަތައް ލައިވްގައި ދެކެވޭކަށް ނެތް. އެހެންނަމަވެސް، މެންބަރުންނަށް އެ މައުލޫމާތު ސިއްރުކޮށްގެން ދެވިދާނެ. އެއީ މި މައްސަލައިގެ ގޮތުންނާއި، ޖަލުގެ ހާލަތާއި އަދި ރަނގަޅުކުރަންވީ ކަންކަމުގެ ވާހަކަތަކަށް ވާތީ،"
ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް

މުނާޒުގެ އެދިވަޑައިގެންނެވުމުގެ މަތިން ކޮމިޓީގެ ފަހު ބައި ސިއްރު ކުުރުމަށް ކޮމިޓީގެ މެންބަރުންގެ މެދުގައި ވޯޓެއް ނަގެމަށް ނިންމާ، ކޮމިޓީގެ ފަހު ބައި ސިއްރު ކުރުމާގުޅޭގޮތުން މެންބަރުންގެ ހިޔާލަށް އަހަފައިވެއެވެ.

ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ މެންބަރުން ކުރި ސުވާލުތަކުގެ ތެރެއިން ޖަވާބު ނުދެއްވި ހުރި ސުވާލުތަކާއި އިތުރަށް މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވެން އޮތީ ސިއްރުކޮށްގެން ކަމަށް މުނާޒު ތަކުރާރުކޮށް ދަންނަވަމުން ގެންދަވާތީ، ގަވާއިދުގައި އޮންނަ ގޮތުގެ މަތިން ކޮމިޓީ ސިއްރުކުރުމަށް ވޯޓަކަށް އަހާފައެވެ.

އެގޮތުން ކޮމިޓީ ބައްދަލުވުމުގެ ފަހު ބައި ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ކޮމިޓީއަށް ހާޒިރުވި 14 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.