މާފުށީ ޖަލުގައި ހިނގައިދިޔަ ހާދިސާތަކާއި ގުޅިގެން، މިރޭ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަޑައިނުގެން، ތިނަދުއަށް ވަޑައިގެންފިއެވެ.

ޖަލުގައި ހިނގައިދިޔަ ހާދިސާގައި ގައިދީންތަކަކަށް އަނިޔާވި މައްސަލައިގައި، ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއަށް މިރޭ 8:30 ގައި ހާޒިރުވުމަށް ވަނީ އަންގާފައެވެ. ނަމަވެސް، ކޮމިޓީއަށް ހާޒިރުވީ ހަމައެކަނި މުނާޒެވެ.

ހޯމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ގދ.ތިނަދޫގައި މާދަމާ ފަށާ އިންޓަ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތިނަދުއަށް ވަޑައިގެންފި ކަމަށެވެ.

މިރޭ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއަށް އިމްރާން ހާޒިރުވާން އަންގާފައި ވާއިރު، މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް އަންނަ ހޯމަ ދުވަހު އޭނާ ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.

ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ހަ ގައިދީއަކަށް އަނިޔާވެ ފަރުވާ ދީފައިވެއެވެ. އަދި ތިން އޮފިސަރަކަށް އަނިޔާވެގެން ފަރުވާދީފައިވެއެވެ.