މާފުށީ ޖަލުގައި ތިބި ގައިދީންނަށް އަނިޔާކުރި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ކަންތައްތަކާއި ބެހޭ ކޮމިޓީއަށް މިރޭ ހާޒިރު ކުރަން ނިންމައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން މިއަދު ގައުމީ ސަލާމަތު ކޮމިޓިން ބޭއްވި ބައްދަލުވުމުގައި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވަނީ ޕްރިޒަންސް ކޮމިޝަނަރު އަދި ހޯމް މިނިސްޓަރު އެ ކޮމިޓީއަށް ހާޒިރު ކުރުމަށް ހުށަހަޅާފައެވެ. މި ހުށަހެޅުއްވުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު ތާއިދު ކުރެއްވި އިރު، މި ހުށަހެޅުން ވަނީ ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްވެފައެވެ.
މިއަދު ބޭއްވި ގައުމީ ސަލާމަތުގެ ކޮމިޓީގެ މުގައްރިރު، އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ އެ ކޮމިޓީން ބަލަން ބޭނުންވަނީ ޖަލުގައި އަނިޔާ ކުރި މައްސަލައާ ގުޅިގެން ހޯމް މިނިސްޓްރީ އަދި ކަރެކްޝަނަލް ސާވިސްއިން އެބޭފުޅުންގެ ޒިންމާ އަދާ ކުރިތޯ ނުވަތަ ނޫންތޯ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ހަމަނުޖެހުން ހިނގީ، ގައިދީއަކު ޖަލުގެ އޮފިސަރަކަށް ހަމަލާދިނުމާއި ގުޅިގެންނެވެ. ގައިދީއަކު ޖަލުގެ އޮފިސަރަކަށް ހަމަލާދިނުމުން، ޖަލު އޮފިސަރުން ވަނީ އޭގެ ބަދަލެއްގެ ގޮތުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައެވެ. އެގޮތުން، ޖަލުގައި ތިބި ބައެއް ގައިދީންގެ ބޯ ބާލައި، އެމީހުންގެ ގައިގައި މުގުރިބުރިން ތަޅައި، ޖިންސީ ގުނަވަންތަކަށް ޕެޕާ ސްޕްރޭ ޖެހުންފަދަ އަނިޔާވެރި އަމަލު ހިންގާފައިވެއެވެ. މި ހަމަނުޖެހުމުގައި، ހަ ގައިދީއަކަށް ވަނީ އަނިޔާވެފައެވެ.
މީގެ އިތުރުން، މި ހަމަނުޖެހުމާއި ގުޅިގެން ހޯމް މިނިސްޓަރާއި، ޕްރިޒަން ކޮމިޝަނަރު އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ އިސް ވެރިން ވަނީ އަންނަ ހޯމަ ދުވަހު މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރު ކުރުމަށް ވެސް ނިންމާފައެވެ. ކަމާއި ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން މި ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމީ މި ހަމަނުޖެހުމުގެ ތަހުގީގު ގޮސްފައިވާ ހިސާބާއި ޖަލުތަކުގެ މައުލޫމާތު ހިއްސާ ކުރުމަށެވެ.