މާފުށީ ޖަލުގައި ތިބި ގައިދީންނަށް އަނިޔާކުރި މައްސަލައިގައި ކަރެކްޝަނަލް ސާވިސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ ކޮމާންޑަރަކު ސަސްޕެންޑްކޮށްފިއެވެ.
ޖަލަށް ވަޑައިގެން، މިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުން ތަހުގީގު ކުރައްވަމުން ގެންދަވާތީ، ތަހުގީގު ނިމެންދެން، އީއެސްޖީގެ ކޮމާންޑަރު ސަސްޕެންޑް ކުރުމަށް ކޮމިޝަނާ އޮފް ޕްރިޒަންސްއަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަންގަވައިފިއެވެ.
އިމްރާން ވިދާޅުވީ ޖަލުގެ ގަވާއިދު އޮންނަ ގޮތުން އެމަޖެންސީ އެއްވެސް ކަމެއް ހިނގައިފި ނަމަ، ކަރެކްޝަންގެ އީއެސްޖީ ގްރޫޕުން އެ މައްސަލައެއް ޓޭކް އޯވާކުރަން ޖެހޭ ކަމަށާއި، ޖަލުގެ ޑިރެކްޓަރަށް އޮޕަރޭޝަން ހަވާލުކުރަން ޖެހެނީ އެ ހާލަތެއް ކޮންޓްރޯލް ކުރުމަށް ފަހުގައި ކަމަށެވެ. އަދި އީއެސްޖީގެ ކޮމާންޑަރު ސަސްޕެންޑް ކުރީ، އެމަޖެންސީ އިއުލާން ކުރެވުނު ވަގުތުން ފެށިގެން އެ ހާލަތު ނިމެންދެން އޮޕަރޭޝަންގެ އިސްކޮށް ހުންނަވަން ޖެހެނީ އޭނާ ކަމަށް ވާތީ ކަމަށެވެ.
އިމްރާން ވިދާޅުވީ މުޅި މައްސަލައިގެ ވަށައިގެން ހިނގާފައި ހުރި ހުރިހާ ކަމެއް ރަނގަޅަށް ބަލާ ތަހުގީގު ކުރުމަށް އިންސްޕެކްޓާ ޖެނެރަލް އަށް މިހާރު ވާނީ އަންގާފަ ކަމަށާއި، އޭނާ އެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ. އެގޮތުން އިމްރާން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުމުގައި ހަ ގައިދީއަކަށް އަނިޔާވި ކަމަށާއި، މައްސަލަ އުފެދުނީ ޖަލުގެ އޮފިސަރަކަށް ގައިދީއަކު ހަމަލާދިނުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ހަމަނުޖެހުން ހުއްޓުވަން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ. ނަމަވެސް، ގައިދީންނަށް އަނިޔާކުރުމުގެ ތެރޭގައި ބޯބޭލި ވާހަކަ މިނިސްޓަރު ވަނީ ދޮގު ކުރައްވާފައެވެ. އިމްރާން ވިދާޅުވީ ގައިދީއެއްގެ ބޯ ޓްރިމަރަކުން ތުނިކޮށް ކޮށާލިކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، މި މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގުކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.