ބޮލުގެ ނެއްޓޭ ހަންކޮޅުކޮޅު، ލައިގެން ހުންނަ ހެދުމާއި ޓީޝާޓަށް ފައިބާފައި ހުންނަ މަންޒަރު ފެނުމުން ޖެހިލުންވާ މީހުން އުޅެއެވެ. އެ މަންޒަރު ފެނުމުން ފަކުރު ގަންނަ މީހުން އުޅެއެވެ. މިއަށްވުރެ ބޮޑަށް، މިއީ ބޮލުން ހަންފޮޅޭ މީހާއަށް އިތުރު މައްސަލައެއްވެސް ކުރިމަތިކުރުވާ ކަމެކެވެ. ބޮލުން ހަންފޮޅުމަކީ، ބޮލުން އިސްތަށި ފޭބުމަށްވެސް މަގުފަހިވާކަމެކެވެ.
ބޮލުން ހަންފޮޅުމަކީ ކޮބާ؟
ބޮލުން ހަންފޮޅުމަށް އެންމެ އާންމުކޮށް މެދުވެރިވަނީ މެލަސީޒިއާ ނަމަކަށް ކިއާ ޔީސްޓެއް ބޮލުގެ ތަލާގައި އަށަގަންނަ ހިސާބުންނެވެ. މި ޔީސްޓްގެ ސަބަބުން ބޯ ހިރުވާ، ކަހާ ގޮތްވެއެވެ. އަދި ޔީސްޓްގެ ސަބަބުން ބޯވާ އިތުރު ހަންގަނޑު، ކުދިކުދިވެގެން ބޮލުން ނެއްޓި، ފައިބައެވެ.
ބޮލުން ހަންފޮޅެނީ ކީއްވެ؟
ހަމުގެ ޑޮކްޓަރެއް ކަމަށްވާ ޝޫބާ ދަރުމަނާ ވިދާޅުވާ ގޮތުގައި ބޮލުން ހަންފޮޅުމަށް މެދުވެރިވާ ތަފާތު އެކި ސަބަބުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި:
- ތަލައިގެ ހަންގަނޑު އާދަޔާ ހިލާފަށް ތެޔޮވުން (މިއީ ހަންފޮޅުމަށް މަގުފަހިކުރާ މެލަސީޒިއާ ޔީސްޓް އުފެދުމަށް މަގުފަހިކުރާކަމެއް)
- ފުރާވަރު އުމުރަށް އަޅައިގެން އަންނައިރު ހޯމޯންސްތަކަށް ބަދަލު އައިސް، ބޮލުތަލައިގެ ހަންގަނޑު ތެޔޮވުން ހިމެނެއެވެ.
- ބޮލުތަލައިގެ ހަންގަނޑު އާދަޔާ ހިލާފަށް ހިކިގެން ގޮސް، ޑޭންޑްރަފްގެ ގޮތުގައި ފެންނަން ފެށުމާ ސެބޯރޮއިކް ޑާމަޓައިޓިސް ނަމަކަށް ކިއާ ހަމަގެ ބައްޔަކުންވެސް މިކަން ފެށިގެން ހިނގައިދާނެއެވެ. މިއީ ބުމައާއި، ކަންފަތުގެ ފަހަތާ، ނޭފަތާ، ކިހިލިފަތްދަށުގެ އިތުރުން، އުކުޅުވަޅާ ދިމާލާ، އެނޫންވެސް ގޮތްގޮތުން ހަށިގަނޑުގައި ފަތްޖެހިފައި ހުންނަ ސަރަހައްދުތަކުގެ ހަންގަނޑު ހަލާކުވެ، ރަތްވެ، ނެއްޓޭ ގޮތް މެދުވެރިވާ ބައްޔެކެވެ.
- ސޮރިއޯސިސްގެ ތަކުލީފުތައް އުފުލާ މީހުންނަށްވެސް ބޮލުގެ ތަލައިން ހަން ނެއްޓުމުގެ އުނދަގޫތަކާ ކުރިމަތިލާންޖެހިދާނެކަން ޑރ ޝޫބާ ފާހަގަކުރައްވައެވެ.
ހަންފޮޅުން ހުއްޓުވުމަށް ކުރެވޭނީ ކޮން ކަމެއް؟
ފަރުވާ ބަހައްޓައިގެން ރަނގަޅަށް ސާފުކުރުމަކީ އެންމެ ފުރަތަމަ ކަމެވެ. މި ގޮތަށް ބޯ ދޮވެ ސާފުކުރާއިރު، ތަލައިގެ ހަންގަނޑު ތެޔޮ ވާނަމަ ވީހާވެސް އާދައިގެ ޝޭމްޕޫއެއް ބޭނުންކުރުން ބުއްދިވެރިއެވެ. މިގޮތަށް ބޭނުންކުރާ ޝޭމްޕޫއަކުން ފިހާރަތަކުން ފަސޭހައިން ގަންނަން ލިބޭ އެންޓިޑޭންޑްރަފް ޝޭމްޕޫއަކަށްވުން މުހިންމެވެ. ތަލައިގެ ހަންގަނޑު ތެޔޮކޮށް ހުއްޓަސް، ހިކިފައި ހުއްޓަސް، ހަފުތާއަކު ދެތިން ފަހަރު ކޮންޑިނަޝާލައިގެން ބޯ ދެވެލަންވާނެއެވެ.
މިގޮތަށް ކަން ކުރުމުންވެސް ބޯ ހިރުވާ، ބޮލުން ހަންފޮޅޭ ގޮތް ވާނަމަ ހަމުގެ ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ. އަދި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ދެވޭ ޝޭމްޕޫއަކީ އެނޫން ގޮތަކަށް ބޭނުން ކޮށްގެންވާނެ ޝޭމްޕޫއެއް ނޫންކަންވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ.