2012 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސްރީލަންކާގެ ޖަލެއްގައި 27 ގައިދީއަކު ގަތުލުކޮށްލި މައްސަލާގައި، ޖަލު ބަލަހައްޓާ އިސް އޮފިސަރަކާ، އިސް ކޮމާންޑަރެއްގެ މައްޗަށް، ސްރީލަންކާގެ ޗީފް ޕްރޮސެކިއުޓަރު ހުކުމް އިއްވަވައިފިއެވެ.

ސްރީލަންކާގެ އެޓާނީ ޖެނެރަލް ދަޕުއްލާ ޑި ލިވޭރާ ވިދާޅުވީ، ޕްރިޒަންސް ކޮމިޝަނަރު އެމީލް ލަމަހެވަގެއާއި ޕޮލީސް ކޮމާންޑޯ މޯޒެސް ރަންގަޖީވާއާއި ދެކޮޅަށް ހުށަހަޅާފައިވާ ގަތުލުއާންމުގެ މައްސަލަ، އެކަމަށް ހާއްސަކުރެވޭ ފާސްޓް ޓްރެކް ޝަރިޔަތެއްގެ ތެރެއިން ބަލާ ނިންމާލުމަށް ބޭނުންފުޅުވާކަމަށެވެ.

ޑި ލިވޭރާ ވިދާޅުވީ، މިމައްސަލާގައި ދައުވާ އަމާޒުވާ 3 ވަނަ މީހަކު އަދިވެސް ފިލައިގެން އުޅޭކަމަށެވެ. އެއީ ޖަލުގެ ޖާސޫސީ ޔުނިޓްގެ މެމްބަރެއްކަމަށްވެސް ޑި ލިވޭރާ ވަނީ ވިދާޅުވެފައެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ގައިދީންތައް މަރާލުމަށް އޯޑަރު ދީފައިވަނީ ސްރީލަންކާގެ ދިފާއީ ވަޒީރު ކަމުގެ މަގާމުގައި ހުންނެވި ގޮތަބާޔާ ރާޖަޕަކްސައެވެ. ގޮތަބާޔާ ރާޖަޕަކްސައަކީ ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅެވެ. މީގެ އިތުރުން ގޮތަބާޔާ ރާޖަޕަކްސަ ވަނީ، ސްރީލަންކާގައި މިއަހަރުގެ ފަހުކޮޅު ކުރިއަށް ގެންދަންޖެހޭ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރާނެކަމަށް ބުނެފައެވެ.

ގޮތަބާޔާ ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. ރާޖަޕަކްސަގެ ވެރިކަމުގައި މިމައްސަލައިގެ އެއްވެސް ތަހުގީގެއް ހިންގާފައި ނުވާކަމަށް، މިހާރު ކުރިއަށްދާ ޝަރީއަތުގެ މަޖިލީހުން ވަނީ ހާމަކޮށްފައެވެ.

2012 ވަނަ އަހަރުގެ ގަތުލުއާންމަކީ، 1983 ވަނަ އަހަރަށްފަހު ސްރީލަންކާގެ ޖަލެއްގައި ހިންގި އެންމެ ވަރުގަދަ ޖަރީމާއެވެ.