ރޭޕް ކުރުމުގެ ސަބަބުން ބަނޑުގައި ޣަރުބަގަންނަ ދަރި ވައްޓާލުމަށްޓަކައި މެޑިކަލް ބޯޑު ނުވަތަ ޖުޑީޝަރީއިން ހާއްސަ ހުއްދައެއް ނަގަން ނުޖެހި، ރޭޕްގެ ޝިކާރައަކަށްވީ އަންހެން މީހާއަށް ބާރުލިބޭ ގޮތަށް އިންޑިއާގެ މެޑްރާސް ހައިކޯޓުން ނިންމައިފިއެވެ.

ނަމަވެސް މި ފުރުސަތު މި ގޮތަށް އޮންނާނީ ބަނޑަށް 20 ހަފުތާ ވުމުގެ ކުރިން ދަރި ވައްޓާލަން ބޭނުންވާ (ރޭޕްގެ ޝިކާރައަކަށްވީ) މީހުންނަށް އެކަނި ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މިކަން މިގޮތަށް ނިންމާފައިވަނީ އެ ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ. މިމައްސަލަ ކޯޓަށް ގެންދަން ޖެހުނީ ރޭޕްކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި އޮތުމުން، ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ބުނެ، ދަރިވައްޓާލަދިނުމަށް ހޮސްޕިޓަލުން އިންކާރުކުރުމުންނެވެ.

މި އަންހެން ކުއްޖާގެ ބަނޑުގައި އޮތް ދަރިފުޅު ވައްޓާލުމަށް ކޯޓުން އެހީވެދީފައިވަނީ، ޑީއެންއޭ ހެކިވެސް ނެގުމަށްފަހުގައެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރު އެން އާނަންދު ވެންކަޓޭޝް ވިދާޅުވީ، ރޭޕްގެ ޝިކާރައަކަށްވީ އަންހެން ކުއްޖާލައްވާ ބޭކާރު ގޮތެއްގައި ޖުޑީޝަރީގެ ދޮރުގައި ޓަކިޖެއްސުމަށް މަޖުބޫރުކުރެވިގެން ނުވާނެ ކަމަށެވެ.

20 ހަފުތާއަށްވުރެ އިތުރުވުމުންވެސް، ރޭޕަށް ޣަރުބަގަންނަ ދަރިފުޅު ވައްޓާލެވިދާނެ ކަމަށާ، ނަމަވެސް އެކަން އޮންނާނީ މައިމީހާގެ ފުރާނައަށް ނުރައްކާ ވާ ހާލަތްތަކުގައި އެކަނި ކަމަށްވެސް މެޑްރާސް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ. މިއިން ކޮންމެ ހާލެއްގައިވެސް ދަރި ވައްޓާލެވޭނީ، އިތުރު ތަހުގީގަށް ބޭނުންވާ ޑީއެންއޭ ނެގުމަށްފަހުގައި ކަމަށްވެސް ކޯޓުންވަނީ ކަނޑައަޅާފައެވެ.

އިންޑިއާއަކީ ރޭޕްކުރުމާ ޖިންސީ ފުރައްސާރައިގެ އަމަލުތައް މިފަހަކަށް އައިސް ހައްދުފަހަނައަޅާފައިވާ ދަރަޖައަށް ހިންގާ ގައުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ ގައުމެކެވެ.