ހަތިޔާރާ އެކު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) މާދަމާ ނިކުންނަނީ އެކްސަސައިޒް ރަންނަމާރި ހަންޓް 2019 އަށް ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އެންއެންޑީއެފުން ބުނީ، މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމައިން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކަމަށެވެ. މި ތަމްރީނުގައި ހަރަކާތްތެރި ވާއިރު، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި އެއްގަމާއި ކަނޑުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
އަންނަ ހަފްތާގައި މި ތަމްރީނު ބޭއްވުމަށް ހަމަޖެހިފައި ވާއިރު، މި ހަރަކާތް ކުރިއަށް ގެންދާނީ މާލެ އޭރިއާގެ މާލެ، ހުޅުމާލެ، ވިލިމާލެ، ހުޅުލެ އަދި ތިލަފުށީގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނީ މާލެ އޭރިއާގެ އިތުރުން ނޮދަން އޭރިިއާގެ ރ އަތޮޅާއި ޅ އަތޮޅުގައި ވެސް މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އެމްއެންޑީއެފުން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން މިދިޔަ މަހު ވެސް ތިން ދުވަހުގެ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ. އެމްއެންޑީއެފުން މި ތަމްރީނުތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައި ވަނީ މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގެ އެއްގަމާއި ކަނޑުގެ ސަރަހައްދުގައެވެ. މި ތަމްރީނު ތަކުގައި އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ވަނީ އެއްގަމާއި ކަނޑުގެ އުޅަނދުތައް ޗެކްކޮށް، ހަތިޔާރާއި އެކު އާންމުންގެ ތެރޭގައި ހަރަކާތްތެރި ވެފައެވެ.
އެމްއެންޑީއެފުން މިދިޔަ މަހު ގެންދިޔަ ތަމްރީނުތަކުގައި ހަތިޔާރާ އެކު އާންމުންގެ ތެރޭގައި ހަރަކާތްތެރި ވުމާ ގުޅިގެން، ރާއްޖެއަށް ޓެރަރިޒަމްގެ ހަމަލާއެއް އަތުވެދާނެ ކަމަށް ބުނެ ބައެއް މީހުން ވަނީ ވާހަކަ ދައްކާފައެވެ.