އީރާނުގެ 3 ސަރަހައްދަކަށް އަމާޒުކޮށް ރައްދު ހަމަލާ ދިނުމަށް އެމެރިކާގެ އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާ، އެ ހަމަލާތައް ހުއްޓުވާލުމަށް ނިންމެވީ ހަމަލާ ދޭން ކަނޑައަޅާފައިވާ އޮތް ގަޑީގެ 10 މިނެޓެއް ހާއިރު ކުރިން ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މި ހަމަލާތަކަކީ ހޮރްމޫޒު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރަމުންދިޔަ އެމެރިކާގެ އަސްކަރީ ޑްރޯންއަކަށް އީރާނުން މިސައިލް ހަމަލާދީ، ވައްޓާލި ހާދިސާގެ ބަދަލު ހިފުމުގެ ރޫހުގައި އެމެރިކާއިން ދޭން ގަސްތު ކުރި ހަމަލާތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

އީރާނުގެ ވައިގެ ސަރަހައްދުން ވައްޓާލާފައިވާ އެމެރިކާގެ އަސްކަރީ ޑްރޯންގެ ބައިތައް ކަމަށް އީރާނުން ބުނާ ބައިތަކެއް/ފޮޓޯ: އިރިބްނިއުސް

ޓްރަމްޕް ވިދާޅުވީ، ހަމަލާ ނުދީ މަޑުކުރެއްވުމަށް ނިންމެވީ، މި ހަމަލާތަކުގެ ސަބަބުން 150 މީހެއްގެ ފުރާނަ ގެއްލޭނެ ކަމުގެ މައުލޫމާތު ލިބިވަޑައިގަތުމުން ކަމަށެވެ. އަދި މިއީ ޑްރޯންއެއް ވައްޓާލުމާ އެކަށީގެންވާ ވަރުގެ ރައްދު ހަމަލާއަކަށް ނުވާކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާ، އަވަސް އަރުވާ ލައްވައިގެން ނުއުޅުއްވާ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އީރާނުން ބުނާ ގޮތުގައި އެމެރިކާ އަސްކަރިއްޔާގެ ސާވޭލަންސް ޑްރޯންއަށް ހަމަލާދީ ވައްޓާލާފައިވަނީ ގަވައިދާ ހިލާފަށް އީރާނުގެ ވައިގެ ސަރަހައްދުގެ ތެރޭގައި ހަރަކާތްތެރި ވުމުންނެވެ. ނަމަވެސް އެމެރިކާއިން ބުނަމުންދަނީ، އިންސާނަކާ ނުލާ އުދުހުމުގެ ގާބިލުކަން ލިބިފައިވާ މަތިންދާބޯޓު ނުވަތަ ޑްރޯން ވައްޓާލާފައިވަނީ ބައިނަލްއަގުވާމީ ވައިގެ ސަރަހައްދުގެ ތެރޭގައި އުދުހެމުން ދަނިކޮށް ކަމަށެވެ.

ބައިނަލްއަގުވާމީ ވައިގެ ސަރަހައްދުން ދަތުރުކުރަމުންދަނިކޮށް އީރާނުން މިސައިލް ހަމަލާދީ ވައްޓާލާފައިވާކަމަށް އެމެރިކާއިން ބުނާ ޒާތުގެ އަސްކަރީ ޑްރޯންއެއް/ފޮޓޯ: އީޕީއޭ

މިދަނޑިވަޅަކީ ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އެމެރިކާއާއި އީރާނުގެ ގުޅުން އިންތިހާއަށް ހީނަރުވެފައިވާ ދަނޑިވަޅެކެވެ. އީރާނުގެ ނިއުކްލިއާ މަޝްރޫއާއި ގުޅިގެން ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު 2015 ވަނަ އަހަރު އެކުލަވާލި ބައިނަލްއަގުވާމީ ފެންވަރުގެ އެއްބަސްވުމުން މިދިޔަ އަހަރު އެމެރިކާ ވަކިވެ، އީރާނާ ދެކޮޅަށް ހަރުކަށިފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އަދި މިފަހަކަށް އައިސް، އަރަބި ގަލްފް ކަނޑުގެ ސަރަހައްދުގައި، އެމެރިކާއިން ދަނީ އެގައުމުގެ އަސްކަރީ ހަރަކާތްތައްވެސް އިންތިހާއަށް ވަރުގަދަ ކުރަމުންނެވެ. މިއާއެކު، އީރާނާ އެމެރިކާއާއި ދެމެދެ، ނިއުކްލިއާ ހަތިޔާރުގެ ބާރު ބޭނުންކުރެވިގެންދާނެ އަސްކަރީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން ބައިނަލްއަގުވާމީ މުޖުތަމައުގައި ވަނީ އުފެދިފައެވެ.