މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ ގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝާފިއީ އިސްތިއުފާ ދެއްވުމަށް ދައްކަވާފައިވާ ހުއްޖަތުގެ އަސާސެއް ނެތް ކަމަށް އެ މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީ އިން ބުނީ ޝާފިއީ މަގާމުން އިސްތިއުފާ ދެއްވުމަށް ދެއްކެވި މައިގަނޑު ހުއްޖަތެއް ކަމުގައިވައި، އައިސީޓީހެލްތު ކުންފުނީގެ ހޮސްޕިޓަލް ސޮފްޓުވެއާ އަކީ މިހާތަނަށް އައިޖީއެމްއެޗް އިން ގަނެފައި ނުވާ ސޮފްޓުވެއާ އެއް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައި ވާކަމަށެވެ. އަދި އެމައްސަލައާ ގުޅިގެން ޝާފިއީ އައިޖީއެމްއެޗަށް ފޮނުއްވާފައިވާ ސިޓީގެ ޖަވާބުގައި އެކަން އައިޖީއެމްއެޗުން ޝާފިއީ އަށް ވަނީ އަންގާފައި ކަމަށްވެސް ކޮމިއުނިކޭޝަން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ޝާފިއީ އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހިމް ސަލީމަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ، ކެޕޭސިޓީ ޕްލޭން ހޯދުމަށް އެއްކުރެވުނު މައުލޫމާތު، އީއާރްޑީ ޑައިގްރަމްތައް، އެކްޓިވިޓީސް ޑައިގްރަމްތައް، ސޮފްޓުވެއާ ޓޮޕްލޮގިކަލް ކުރެހުން، ސޮފްޓުވެއާ ލޮގިކަލް ކުރެހުން، ސޮފްޓުވެއާ ފިޒިކަލް ކުރެހުމުގެ އިތުރުން ސޮފްޓުވެއާ ފޯރުކޮށްދޭ ފަރާތްތަކާ އެކު ބޭއްވޭ މީޓިން ތަކުގެ ތަފްސީލް މިއަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހުގެ ކުރިން ފޮނުވައިދިނުމަށް އެދިފައެވެ. ޝާފިއީގެ ސިޓީ އައިޖީއެމްއެޗަށް ފޮނުވާފައި ވަނީ މިއަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުއެެވެ. ޝާފިއީ ވަނީ ހުރިހާ މައުލޫމާތެއް ލަސްވެގެން 3 ދުވަހުގެ ތެރޭގައި އެމިނިސްޓްރީއަށް ފޮނުވުމަށް ވިދާޅުވެ އައިޖީއެމްއެޗަށް ފޮނުވާފައެވެ.

އެ ސިޓީގެ ޖަވާބުގައި ފޮނުވާފައިވާ އައިޖީއެމްއެޗުގެ ސިޓީގައި ހާމަ ކޮށްފައިވާ ގޮތުގައި ސޮފްޓުވެއާ އީޖާދު ކުރުމުގެ މަސައްކަތް އެ ހޮސްޕިޓަލުން ދިޔައީ ކުރަމުންނެވެ. އަދި އެ ސޮފްޓުވެއާގެ މަސައްކަތް އެއްކޮށް ނިމުމުން ކޮމިއުނިކޭޝަން މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީގެ ލަފާ މިކަމަށް ހޯދާނެ ކަމަށްވެސް އެސިޓީގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އައިޖީއެމްއެޗުގެ ސިޓީގައި ބުނެފައި ވަނީ އެ ހޮސްޕިޓަލުގެ އައިސީޓީ ހިދުމަތާއި އެހެނިހެން ޒަމާނީ ހިދުމަތްތަށް ކުރިއެރުވުމަށް ކޮމިއުނިކޭޝަން މިނިސްޓްރީ ގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ޝާފިއީ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އިއްޔެއެވެ. ޝާފިއީ އިސްތިއުފާ ދެއްވިކަން ހާމަކުރައްވަމުން ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އައިޖީއެމްއެޗުގެ ސޮފްޓުވެއާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ދައުރުގައި ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލެއް ކަމަށާ، އެކަން ތަކުރާރުކޮށް ސަރުކާރަށް ދެންނެވުމުންވެސް ސަރުކާރުން މިކަމާ މެދު އެދެވިގެންވާ ފިޔަވަޅެއް އަޅާފައި ނުވާކަމަށެވެ.

ޝާފިއީ މަގާމުން އިސްތިއުފާ ދެއްވީ، މި ސަރުކާރުން ކޮރްޕްޝަނަށް ދެނީ "ޒީރޯ ޓޯލަރެންސް" ކަމަށް ވިދާޅުވެ ސަރުކާރަށް ގޮންޖައްސަވަމުންނެވެ. މިކަމާ ގުޅިގެން ކޮމިއުނިކޭޝަން މިނިސްޓްރީ އިން ބުނެފައި ވަނީ އެ މިނިސްޓްރީ އިން ވެސް ކަންކަން ކުރިއަށް ގެންދަނީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ދެފުށް ފެންނަ ގޮތަށް ކަމަށެވެ.