ކައިވެނީގެ މަތީގައި ދެމިތިބޭ ދެމަފިރިންގެ ދަރިންނަށްވުރެ، ވަރިކޮށްފައިވާ ތިބޭ މައިންބަފައިންގެ ދަރިން ފަލަވުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސައަކުން ދައްކައިފިއެވެ.

ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސްއިން ކުރިއަށްގެންދިޔަ ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ދަރިފުޅުގެ އުމުރުން 6 އަހަރު ފުރުމުގެ ކުރިން މައިންބަފައިން ވަރިވާނަމަ، ފަލަވުމުގެ ފުރުސަތު ވަކިން ބޮޑުވެއެވެ.

މިކަމަކީ އިގުތިސޯދީ ކަންކަމާ، އިގުތިސޯދީ ކަންކަމާ ގުޅުން ނެތް ބައެއް ސަބަބުތަކާ ހެދި މެދުވެރިވާ ހާލަތެއް ކަމަށް ދިރާސާ ބުނެއެވެ. މައިންބަފައިން ވަރިކުރުމުން، ދަރިން ފަލަވާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި:

  • ގަވައިދުން ތާޒާ މޭވާއާއި ތަރުކާރީ ގަތުމަށް މަންމަ/ބައްޕަ އަތުގައި އެކަށީގެންވާ މިންވަރަށް ފައިސާ ނެތުން
  • ހަރަދުތައް ދެކޮޅު ޖެއްސުމަށް މަންމަ/ބައްޕަ ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަންޖެހުމުން ހަށިގަނޑަށް ފައިދާހުރި ކާނާ ތައްޔާރުކޮށްދޭނެ ވަގުތު ނުވުން
  • އިތުރު ހަރަކާތްތަކާ ކުޅިވަރުތަކުގައި ބައިވެރިވެ، އެކަންކަމަށް ހަރަދުކުރާނެ ފައިސާ ނުލިބުން
  • ބުރަ މަސައްކަތުގައި އުޅެންޖެހުމުން ދުޅަހެޔޮ ސިއްހަތެއްގެ ނަމޫނާ ދެއްކުމަށް މަންމަ/ބައްޕަ ފެއިލްވުން
  • ދަރިފުޅު މާޔޫސްކަމުން ދުރުކުރުމަށް ނުވަތަ އުފަލުގައި ބެހެއްޓުމުގެ ނަމުގައި ފޮނިކާއެއްޗިއްސާ ސަރުބީ ގިނަ ތައްޔާރީ ކާނާ ދެވުން ފަދަ ސަބަބުތައް ހިމެނެއެވެ.

ދިރާސާގެ ހޯދުންތަކަށް ބަލާއިރު ދަރިފުޅު ފަލަވެގެންދަނީ މައިންބަފައިން ވަރިވާ ފުރަތަމަ 24 މަސްދުވަހުގެ ތެރޭގައެވެ. އެއަށްފަހު އާދަޔާ ހިލާފަށް ހަށިގަނޑު ބަރުހެލިވެ އޮބީސްއޭ މިކިއާ ދަރަޖައަށް ދަނީ 36 މަސް ދުވަހުގެ ތެރޭގައި ކަމަށްވެސް ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

މިއީ ވަރިއާއި ގުޅިގެން މިހާތަނަށް މާ ފުޅާދާއިރާއެއްގައި ދިރާސާކޮށްފައިވާ މައުލޫއަކަށް ނުވާއިރު، ހެޔޮ ޖީލެއް ބިނާކުރުމުގައި ދެމިފިރިންގެ ޒިންމާއަށް މިއީ އިތުރުވި ބޮޅެކެވެ. ނަމަވެސް ކޮންމެހެން ވަރިކުރަން ޖެހިއްޖެ ހިނދެއްގައި، ދަރިފުޅުގެ ހަށިގަނޑަށް އައިސްދާނެ ބަދަލުތަކަށް އެ ވަގުތުން ވަގުތަށް ސަމާލުކަންދީ، ކަސިޔާރު މަގަކަށް އެޅުނަ ނުދީ ވޭތޯ މަސައްކަތް ފަށަން ވާނެއެވެ.

މި ދިރާސާ އާންމުކޮށްފައިވަނީ "ޑެމޯގްރަފީ" ޖާނަލްގައެވެ.