ހޮރްމޫޒު ކަނޑުއޮޅި ސަރަހައްދުން އުދުހެމުންދިޔަ އެމެރިކާ އަސްކަރިއްޔާގެ ސާވޭލަންސް ޑްރޯން ވައްޓާލުމަކީ އީރާނަށް ހެދުނު "ވަރަށް ބޮޑު ގޯހެއް" ކަމަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ނަމަވެސް، މިއީ އޮޅިގެން ހިނގި ކަމެއް ކަމަށްވުމުގެ ފުރުސަތު އެބައޮތް ކަމަށާ، ޑްރޯން ވައްޓާލަން އީރާނުން ހަމަލާ ދިނުމަކީ ގަސްތުގައި އެގައުމުން ކުރި ކަމެއް ކަމުގައި ގަބޫލުކުރައްވަން ދަތިފުޅުވާކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އީރާނުންވެސް ވަނީ އެމެރިކާގެ ޑްރޯންއެއް ވައްޓާލާފައިވާކަން ކަށަވަރުކޮށްދީފައެވެ. އިންސާނަކާ ނުލާ އުދުހުމުގެ ގާބިލިކަން ލިބިފައިވާ މަތިންދާބޯޓު ނުވަތަ ޑްރޯން ވައްޓާލާފައިވަނީ އީރާނުގެ ވައިގެ ސަރަހައްދަށް، ގަވައިދާ ހިލާފަށް ވަނުމުގެ ފަހުންކަމަށް އީރާނުން ބުނެއެވެ. ނަމަވެސް، އެމެރިކާއިން މިކަން ދޮގު ކުރެއެވެ.

އީރާނުގެ ސަރަހައްދީ އިމުގެ ތެރެއަށް އެމެރިކާއިން ވަންނަމުންދާ ދިއުމުގެ ޝަކުވާ، އދގައި އުފުލާނެކަމުގެ އިންޒާރު، އިރާނުގެ ހާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފުވަނީ ދެއްވާފައެވެ.

މިފަދަ ހާދިސާއެއް ހިނގާފައި މިވަނީ، ޒަމާންވީ ހަތުރުންގެ ގޮތުގައި ގޮތް އީރާނާ އެމެރިކާގެ ގުޅުންތައް އިންތިހާއަށް ހީނަރުވެ، ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަމާއެކު އަސްކަރީ ކުރިމަތިލުމަކަށް ހިނގައިދާނެކަމުގެ ބިރުވެރިކަން އިންތިހާއަށް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.