ދިރިއުޅުމުގެ އާދަކާދައަށް އައިސްފައިވާ ބަދަލާއެކު އިންސާނީ ދަރިފަސްކޮޅު ކަންނެއްކޮށްލައިފިއެވެ. ފިޓްވާން ކިތަންމެ ބޭނުންވި ނަމަވެސް ޖިމްއަށް ގޮސް އުޅުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ވަރު ކަމަށް ނުވެއެވެ. ޖިސްމާނީ އަދި މާލީ ކެރިފޯރުންތެރިކަމަށް ބެލިއަސްމެއެވެ. ދުއްވާ އެއްޗިއްސާ ބިނާ ވެށީގެ މަސައްކަތުން މަގުތައް ތަޣައްޔަރުވެފައެވެ. ދެން އޮތީ ޔޯގާއެވެ. ބައެއް މީހުންނަށް މިއަށްވުރެ ފޫހިކަމެއް ނުއޮންނައިރު، ގިނަ ޔޯގާ އިންސްޓްރަކްޓަރުންނަކީ ގޮތް ދޫނުކުރާ ބޯހަރު ބައެއްކަމަށް ހީވެފައިއޮވެއެވެ. ނަމަވެސް، ބަރުދަން ލުއި ކުރަންބޭނުންވެއެވެ. ދެން އޮތީ ޒުމްބާއެވެ. މިއީ ހަށިގަނޑުން ކެލަރީޒް އަންދާލެވިދާނެ ހަރަކާތްތަކެއް ހެއްޔެވެ؟ ބަލަމާ ހިނގާށެވެ.

ޒުމްބާއަކީ ލެޓިން ގައުމުތަކަށް ހާއްސަ ނެށުމަކުން އުފެދުނު އެރޮބިކްސް ކަސްރަތެކެވެ. މިއީ ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ޖަމާވާ ކެލަރީޒްތައް ފަސޭހަ ކަމާއެކު އަންދާލުމަށް އެހީވެދޭ، ފޫހިފިލަނިވި ހަރަކާތެކެވެ. އިންސްޓްރަކްޓަރުގެ އިރުޝާދާ އެއްގޮތަށް ޒުމްބާ ހަދާ، ކެއުމަށް ބަލައިގެން އުޅޭނަމަ ޖިމްއަށާ ޔޯގާއަށް ނުދިޔަސް 1 މަސްދުވަހުގެ ތެރޭގައި ހަށިގަނޑުން އެތައް ތަނެއް ލުއިކޮށްލެވިދާނެއެވެ.

ހައި އިންޓެންސިޓީ ޒުމްބާ ކުލާހެއްގައި 1 ގަޑިއިރު ހަރަކާތްތެރިވެލައިފިނަމަ 300-900 ކެލަރީޒް އަންދާލައެވެ. ހަފުތާއަކު ދެތިން ފަހަރު ގަވައިދުން ޒުމްބާ ހަދާ، ސްޓްރެންތް ޓްރެއިނިންގް ހަދާ، ކެއުމަށް ބަލައިގެން އުޅުމަކީ ދުޅަހެޔޮ ގޮތެއްގައި ބަރުދަން ލުއިކޮށްލުމަށް އޮތް އެންމެ ފަސޭހަ މަގެވެ.

2012 ވަނަ އަހަރު ކުރިއަށްގެންދިޔަ ދިރާސައަކަށް ބަލާއިރު 40 މިނެޓް ވަންދެން ޒުމްބާ ހަދައިގެން މިނެޓަކު 18-22 ކެލަރީޒް އަންދާލެވިފައި އެބަހުއްޓެވެ. މިއީ ކިކްބޮކްސިންގްއާއި ޔޯގާ ފަދަ ހަރަކާތްތަކަށްވުރެ އިތުރު އަދަދެކެވެ.

ޒުމްބާ ކްލާސްތަކަކީ މިހާރު ރާއްޖޭގައިވެސް އަހަރުތަކެއް ވަންދެން ހިންގަމުންދާ ކުލާސްތަކެކެވެ. ގިނަ ކުލާސްތައް ފަރުމާކޮށްފައިވަނީ ހިޖާބު އަދި ނިގާބު އަޅާ އަންހެން ކުދިންނާ ދޮށީ އުމުރުގެ މީހުންނަނަށްވެސް ބައިވެރިވެވޭނެ ގޮތަށެވެ. ލަވަޖަހައިގެން ނަށަން ބޭނުން ނުވާ ފަރާތްތަކަށް "ނޯމިއުޒިކް" ކުލާސްތައް، މަދުން ނަމަވެސް ފެނެއެވެ.

ކަންމިހެން އޮތް ނަމަވެސް އެކަށީގެންވާ މިންވަރެއްގައި ހަށިގަނޑުގެ ބަރުދަން ލުއިކުރަމުން ދިއުމަށް ސަމާލުކަން ދޭންވާނެއެވެ. އެމެރިކަން ކައުންސިލް އޮފް އެކްސަސައިޒަސް އިން ލަފާދޭ ގޮތުގައި ހަފުތާއަކު ދެތިން ޒުމްބާ ސެޝަން ނަގާ، މިއިން ކޮންމެ ސެޝަނެއްގައި 300-400 ކެލަރީޒް އަންދާލުމަށް އަމާޒު ކަނޑައެޅުން ބުއްދިވެރިއެވެ. ހަފުތާއަކުން ބައި ކިލޯގްރާމް ހިއްކާލަން ބޭނުންނަމަ ހަށިގަނޑަށް އެތެރެވާ މިންވަރަށްވުރެ 500 ކެލަރީޒް އިތުރަށް އަންދާލަންޖެހެއެވެ.