ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަމުން ދަނީ އެމްއެމްޕީއާރުސީގެ ފައިސާ ނެންގެވި ކަމުގެ ތުހުމަތުގައި ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅޭ މައްސަލައެއް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މިއަދު އާންމުކޮށް ހުޅުވާލައިގެން ބާއްވާ ދީދީގެ ތަހުގީގުގައި، އެ ކޮމިޝަންގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވި މީހުންގެ ކިބައިން އެކި ފަހަރު މަތިން ފައިސާ ނަގާފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް މައުލޫމާތު ލިބިފައިވާ ކަމަށް ޖޭއެސްސީއަށް ފުލުހުން ފޮނުވި ސިޓީގައި ބުނެފައިވާ ކަމަށެވެ.

ހިސާން ވިދާޅުވީ އެ ސިޓީ ޖޭއެސްސީއަށް ލިބުމާ ގުޅިގެން އެ މައްސަލާގައި ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް އެކުލެވޭ ކަމަށް އެ ކޮމިޝަނަށް ފެނިގެން އެމައްސަލަ ކޮމިޝަނުގެ އިސްނެގުމަށް ބަލަން ފެއްޓެވިކަމަށެވެ.

"މި ސާވިސް އިން ތަހުގީގު ކުރަމުން ދަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ފަޅުތަކާއި ރަށްތަކުގެ އިކުވިސިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާއަށް ހިޔާނާތްވެ ލޯންޑާ ކުރި މައްސަލަގައި މިހާތަނަށް ހޯދިފައިވާ ހެކީގައި ފަނޑިޔާރެއްގެ މަގާމެއްގައި ހުންނަވައިގެން [ދީދީ] އެކި ފަހަރު މަތިން ފައިސާ ނެންގެވި ކަމަށް ބެލެވޭ މައުލޫމާތާއި މަގާމުގެ ނުފޫޒު ބޭނުން ކުރި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަން މައުލޫމާތަށްޓަކައި ހިއްސާ ކުރަން،"
ޖޫންގައި ފުލުހުން ޖޭއެސްސީ އަށް ފޮނުވި ސިޓީ

މީގެ އިތުރުން ފަނޑިޔާރު ދީދީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފާއިދާ ނެގިކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ. މި މައްސަލަ ވެސް ދަނީ އެ ކޮމިޝަނުންނާއި ފުލުހުން ބަލަމުންނެވެ.