ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާނާއި މިހާރުގެ ނައިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ހުށަހަޅައިފިއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ނައިބު މުގައްރިރު މީކާއީލް ނަސީމް، ސޮފްވާނާއި ޒައިނާ ބޮރޯޑްކޮމް އިން ވަކިކުރުމަށް ހުށަހެޅުއްވީ ބްރޮޑްކާސްޓިން ކޮމިޝަންގެ މެމްބަރުން އެ ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށް ފަހުއެވެ. މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމަށް ޒައިނާ ވަޑައިގެންނެވި ނަމަވެސް ސޮފްވާން ވަޑައެއް ނުގަންނަވައެވެ. މީކާއިލް ހުށަހެޅުއްވި މި ހުށަހެޅުއްވުމަށް އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

މިހާރު އެ ކޮމިޝަންގެ ނައިބު ރައީސަކަށް ހުންނެވި ޒައިނާ ޕީޕީއެމްގެ ހަރަކާތްތަކުގައި ކުރިން ބައިވެރިވެފައިވާތީ ކޮމިޝަންގެ މެންބަރުން ވަނީ އޭނާއާ ސުވާލުކޮށްފައެވެ. ކޮމިޝަންގެ މެންބަރުން ކުރެއްވި ސުވަލުތަކަށް ޖަވާބު ދެއްވަމުން ޒައިނާ ވިދާޅުވީ އޭނާ އަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫން ކަމަށާއި ޕީޕީއެމް މަހާސިންތާގައި އޭނާ ބައިވެރިވެ ވަޑައިގެންނެވީ އެ ހަރަކާތް ހުށަހަޅަން ފުރުސަތު ލިބުމުން ކަމަށެވެ. އަދި ޕީޕީއެމުން ބޭއްވި އެހެން ހަރަކާތެއްގައި ބައިވެރިވެ ވަޑައިގެންނެވީ އެއީ ދުވަސްވީ މީހުންނަށް ބޭއްވި ހަރަކާތަކަށްވާތީ ކަމަށް ވެސް ޒައިނާ ވިދާޅުވިއެވެ.

ސޮފްވާނާ ގުޅޭ ގޮތުން މިއަދު އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވީ ސޮފްވާން އޮފީހަށް ވަޑައިނުގަންނަވާތާ އަށް މަސް ވަރު ވެއްޖެ ކަމަށެވެ. އަދި އޭނާ އުޅޭތަނެއް މިހާރު އެކޮމިޝަނަށް ނޭނގޭ ކަމަށާއި ސޮފްވާން އޮފީހަށް ވަޑައިނުގެންނެވި އަސް މުސާރަ ދެއްވަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ޝަހީބް ވިދާޅުވީ އެ މައްސަލަ ރައީސް އޮފީހަށާއި މަޖިލީހަށް މިދިޔަ ނޮވެމްބަރު މަހު ހުށަހަޅާފައި ވާނެ ކަމަށާއި އެ ކޮމިޝަންގެ މެންބަރަކު މަގާމުން ވަކިކުރެވޭނީ މަޖިލީހަށް ކަމަށް ވާއިރު މުސާރަ ދެނީ މަޖިލީހުން ވަކިގޮތެއް ނުނިންމާތީ ކަމަށް ޝަހީބް ވިދާޅުވިއެވެ.

މީގެ އިތުރުން، މިދިޔަ ސެޕްޓެމްބަރު މަހު އޭނާގެ އޮފީހުގެ ކޮޓަރީގައި ރަހީނުކޮށް އިސްތިއުފާ ދެއްވުމަށް ސޮފްވާން މަޖުބޫރުކުރެއްވި ކަމަށް ބުނާ މައްސަލަ އަކީ ތެދު ވާހަކައެއް ކަމަށް ޝަހީބް ވިދާޅުވިއެވެ. ޝަހީބް ވިދާޅުވީ، ސޮފްވާން ކުރީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި ފުލުހުން އޭނާގެ ބަޔާން ނެގުމުގެ އިތުރުން ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

މިއަދު ބްރޯޑްކޮމްގެ މެންބަރުން ކޮމިޓީއަށް ހާޒިރު ކޮށް ކޮމިޓީން ވަނީ ބްރޯޑްކޮމްގެ މެންބަރުންނަށް ސިޔާސީ ނުފޫޒު ފޯރާފައިވޭތޯ ވަކިވަކިން ސުވާލު ކުރައްވާފައެވެ. އަދި އެ މެންބަރުންނަށް އެފަދަ ނުފޫޒެއް ފޯރާފައި ނުވާކަމަށް މެންބަރުން ވިދާޅުވި ނަމަވެސް، ނިމިދިޔަ މަޖިލީހުގެ ބައެއް މެންބަރުން ގުޅައްވައި ވަކިގޮތަކަށް ކަން ކުރުމަށް އަންގާފައިވާ ކަމަށާއި އެގޮތަށް އަމަލު ނުކުރާ ކަމަށް ކޮމިޝަންގެ މެންބަރުން ވިދާޅުވެފައިވެއެވެ.