އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މަގާމުން ވަކި ކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ލުތުފީ އޭސީސީ އިން ވަކި ކުރުމަށް މިއަދު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުއްވީ، ވެލިދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ޝަފީގެވެ. އެ ހުށަހެޅުއްވުމަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވަނީ ތާއިދު ކުރައްވާފައެވެ. އޭސީސީގެ މެންބަރުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމުން އެ މެންބަރުން ވަނީ ލުތުފީ ވަޒީފާއަށް ނުނިކުންނަވާ، ގަވާއިދުން މުސާރަ ނަންގަވާ ކަމަށް ވިދާޅުވެފައެވެ.

ކޮމިޓީއަށް ލުތުފީގެ މައްސަލަ ހުށަހެޅުމާ ގުޅިގެން އެ ކޮމިޝަނުން ވަނީ އޭސީސީގެ މެމްބަރުންގެ އެޓެންޑެންސްއާއި ސަމަރީ ރިޕޯޓު ދެ ހަފްތާގެ ތެރޭގައި އެ ކޮމިޓީއަށް ހުށަހެޅުމަށް އަންގާފައެވެ.

އޭސީސީ އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި މި އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ލުތުފީ އޮފީހަށް ނުނިކުންނަވައެވެ. އެގޮތުން ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ލުތުފީ ވަޑައިގެންނެވީ އަހަރީ ޗުއްޓީއަށް ކަމަށާއި، މިހާރު ޗުއްޓީ ހަމަވެ، ވަޒީފާގެ އެހެނިހެން ލުއިތައް ވެސް ހަމަވެފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި ލުތުފީ ފުރިހަމަ މުސާރަ ވެސް ނަންގަވަމުން ގެންދަވާކަން އޭސީސީ އިން ވަނީ ޔަގީން ކޮށްދީފައެވެ.

ވަޒީފާއަށް ނުކުންނެވުން ހުއްޓަވާލެއްވި އިރު، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު ރިޕޯޓާ ގުޅިގެން ލުތުފީއަށް ވަނީ ރައްޔިތުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒު ވެފައެވެ. އަދި ފެބްރުއަރީ މަހު ޗުއްޓީއަށް ވަޑައިގެންނެވި އިރު، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބިވަޑައި ނުގަތުމުން، އެކަމާ ހިތްހަމަޖެހިވަޑައި ނުގެން ލުތުފީ ވަނީ ފްލެޓް ހޯއްދެވުމަށް ދައުލަތާ ދެކޮޅަށް ދައުވާ ވެސް ކުރައްވާފައެވެ.