1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު، ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ އައުމަށް އެދި މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދަށް ފޮނުވާފައި ވާކަމަށް ބުނާ ސިޓީއެއް އާންމުވެއްޖެއެވެ.
މި ސިޓީގައި ވާގޮތުން ނަމަ އޭނާ މިހާރު ހުރީ ލަންކާގައެވެ. އަދި ލަންކާއަށް ގޮސްފައި ވަނީ ކުރީގެ ރައީސް ނަޝީދުގެ ދައުރުގައި ބޭސް ފަރުވާއަށް އިންޑިއާއަށް ދިއުމަށް ފަހު ލަންކާ ސަރުކާރުން ހިމާޔަތާ ރައްކާތެރިކަން ހޯދުމަށް ކަމަށް އޭނާ ވަނީ އެ ސިޓީގައި ބުނެފައެވެ. ލުތުފީގެ ސިޓީގައި ބުނެފައި ވާގޮތުން 1988 ވަނަ އަހަރުގެ އުދުވާނީ ހަމަލާއަށް ފަހު އެނާ ހައްޔަރުކޮށް، ޖަލުގައި އޭނާ އަށް ވަނީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގިނަގުނަ އަނިޔާތަކެއް ކޮށްފައެވެ.
އެހެން ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރަށް ފަހު ޖެހިޖެހިގެން އައި ދެ ސަރުކާރު އަމިޔާވެރިކަމަށް ބުނެ އޭނާ އެނބުރި ރާއްޖެ އައުމަށް ބޭނުން ނުވި ކަމަށާ ނަމަވެސް މިހާރުގެ ސަރުކާރަކީ އަނިޔާ ކުރާނެ ސަރުކާރެއް ކަމަށް އޭނާއަށް ގަބޫލު ނުކުރެވޭތީ އާއި، ލަންކާގެ މިހާރުގެ ހާލަތު ރަނގަޅު ނުވުމުގެ ސަބަބުން އޭނާ އެނބުރި ރާއްޖެ އައުމަށް ބެނުން ވާކަމަށް ވަނީ ބުނެފައެވެ.
އެސިޓީގައި ވާގޮތުން ލުތުފީ ރާއްޖެއިން ބޭރަށް ދިޔުމަށް ފަހު ރައީސް ވަހީދުގެ ސަރުކާރުގައި އޭނާ ހޯދުމަށް ސިފައިންނާ ފުލުހުން މެދުވެރިކޮށް ވަނީ ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ. އަދި އޭނާ ހޯދުމަށް ރެޑް ނޯޓިހެއް ނެރެ އޭނާ ހޯދުމުގެ މަސައްކަތް ވަހީދުގެ ސަރުކާރުން ވަނީ ކޮށްފައި ކަމަށްވެސް އެސިޓީގައި ވެއެވެ.
އަދި އޭނާ އަކީ ޖުޑިޝަރީއަށް ހާޒިރު ކުރުމަށް ބޭނުންވާ މީހެއް ކަމުން އޭނާއަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ދިއުމަށް ލިއުމެއް ހޯދައި ދިނުމަށާ، އެނބުރި ރާއްޖެ އައުމަށް އެމްބަސީއިން ލިޔުން ހަމަޖައްސައި ދިނުމަށް ލުތުފީ ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީގައި ވަނީ އެދިފައެވެ.
މި ސިޓީގެ ޖަވާބުގައި ފޮރިން މިނިސްޓްރީން ފޮނުވާފައި ވާކަމަށް ބުނާ އީ-މެއިލް އެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާންމު ކޮށްފައެވެ. އެ އީ-މެއިލް ގައި ވާގޮތުން އޭނާ ފޮނުވާފައިވާ ސިޓީ ފޮރިން މިނިސްޓްރީން ވަނީ މިނިސްޓަރު ޝާހިދުގެ ސަމާލުކަމަށް ގެނެސްފައެވެ. އެހެން ނަމަވެސް މިކަމާ ގުޅޭގޮތުން ޝާހިދު މިހާތަނަށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ލުތުފީގެ މައްސަލާގައި ދައުލަތާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވަނީ މައްސަލަ ހުށަހަޅުއްވާފައެވެ. އޭނާ މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ކުރީގެ ރައީސް އަދި މިހާރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާއަށް ލުތުފީ ސްރީލަންކާއަށް ފޮނުވާލި ގޮތަށް އޭނާ އަނބުރާ ގެނެސްފައި ނުވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އޭނާ ގެނެއުމުގެ މަސައްކަތް ކުރޭތޯ ސުވާލު ކުރުމަށް ބޭނުންފުޅު ވާކަމަށެވެ.
ލަންކާގެ ޕްލޮޓް ޖަމާއަތުގެ ބަޔަކާ ދިވެހިންގެ ބަޔަކު ގުޅިގެން 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހު، ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރުވި އެވެ. އެ މައްސަލާގައި ލުތުފީގެ މައްޗަށް ކުށް ސާބިތުވެ އޭނާގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައެވެ.