ދެމަފިރިންގެ ގޮތުގައި ދުނިޔެއާއި ބައްދަލުކުރާ އެންމެ ފުރަތަމަ ވަގުތު ގިނަ ބަޔަކަށް ހާއްސަވެގެންދަނީ އާއިލާއާއި ގާތް ރަހުމަތްތެރިންނާ އެކި އެއް މާހައުލެއްގެ ތެރެއިން ބައްދަލުވެގެންދާ ދިއުމާއެކުގައެވެ. ނަމަވެސް މި ކައިވެނީގެ ހަފުލާއަށް ދައުވަތު ދޭނީ ކޮން ބަޔަކަށް ތޯ، ނުވަތަ ނުދޭނީ ކޮން ބަޔަކަށްތޯ ކުރެވޭ ބަހުސް، ގިނަ ފަހަރަށް އޮންނަނީ އެ ހަފުލާ އޮންނަ ދުވަހުވެސް ނިމޭ ގޮތް ނުވެފައެވެ. ނަމަވެސް އެއީ އެކަން އޮންނަންވީ ގޮތެއް ނޫނެވެ.

ކައިވެނީގެ ހަފުލާއަށް ނުވަތަ ޕާޓީއަށް ދައުވަތު ދޭނެ މީހުންގެ ލިސްޓު ހެދުމަކީ ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމޭވެސް ދެންނެވިދާނެއެވެ. ކައިވެނި ކުރާނެ ތާރީހާ، ޕާޓީ ބާއްވާނެ ތާރީހު ކަނޑައެޅުމާއެކު އެންމެ ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ މިއީއެވެ. ފުރަތަމަ ކަނޑައަޅަންވީ އަދަދެއް ނޫނެވެ. ކަނޑައަޅަންވީ ދައުވަތު ދޭނެ މީހުންނެވެ. ފަހުވަގުތަށް މިކަން ބާއްވައިފިނަމަ ދައުވަތު ދެވޭ މީހުންގެ އަދަދު އިތުރުވެދާނެއެވެ. ނުވަތަ އެންމެ މުހިންމު މީހުންނަށް ދައުވަތު ނުދެވިވެސް އޮވެދާނެއެވެ.

އާސެނަލްގެ މިޑްފީލްޑާ މެސޫތް އޮޒިލް (ވ)ގެ ކައިވެނި ހަފުލާގައި ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާން ވާހަކަފުޅުދައްކަވަނީ/ފޮޓޯ: ބީބީސީ ސްކްރީންގްރޭބް

ކައިވެނީގެ ދައުވަތު ލިސްޓު ތައްޔާރުކުރާއިރު، މިކަމުގައި އިސްކޮށް އުޅޭ ޓީމަށް ލިސްޓު ފެންނާނެ ފަދަ ގޮތަކަށް ބާއްވާށެވެ. އަދި ގިންތިތަކަކަށް ލިސްޓު ބަހާލާށެވެ. މިސާލަކަށް، އާއިލާ، ރަހުމަތްތެރިން، އެކުގައި މަސައްކަތްކުރާ މީހުން، އަވަށްޓެރިން، މިހެން ގޮސް އެމީހަކާ ގުޅޭ ދާއިރާތަކަށް ލިސްޓު ބައިކޮށްލާށެވެ. ދެން އެ ގިންތިތަކަށް މީހުން އަޅަމުންދާށެވެ.

މިހާ ހިސާބުން ގާތް މީހުންނާ ރަހުމަތްތެރިންގެ ލަފާ އަހާލުމަކުން ގޯހެއް ނެތެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ މިއީ ކައިވެނި ކުރާ 2 މީހުންގެ ކަމެއް ކަމެވެ. މާ ކުރީ ޒަމާނެއްގައި ދިމާވި އާއިލީ ރަހުމަތްތެރިއަކަށް ދައުވަތު ދޭން ހަދައިގެން، ދެމަފިރިންނާ ގާތް ގުޅުމެއް އޮންނަ މީހާއަށް ދައުވަތު ނުދީ ހުންނާކަށްވެސް ނުޖެހެއެވެ. އެހެންނަމަވެސް، އާއިލާގެ ގާތް މީހުންނާ ރަހުމަތްތެރިންނާ ހިޔާލު ބަދަލުކޮށްލާ ހެދުމުން، ކޮންމެވެސް ގޮތަކުން ސިކުނޑިން ކަސިޔާރުވި މުހިންމު މީހެއްގެ މަތިންވެސް ހަނދާންވެދާނެއެވެ.

ދެން އޮތީ ދައުވަތު ދޭނެ މީހުންގެ އަދަދު ކަނޑައެޅުމެވެ. ނިމޭއިރު ގިނަ ފަހަރަށް އޮންނާނީ ކަނޑައެޅި އަދަދަށްވުރެ އިތުރުވެފައެވެ. މިކަން މިހެން އޮތް ނަމަވެސް އަދަދު ކަނޑައަޅަންވީ އެންމެ ބޮޑު ސަބަބަކީ، ދައުވަތު ލިސްޓަށް މީހުން އިތުރުކުރުން ހުއްޓާލަންވީ ހިސާބު ފާހަގަކުރަން އެނގުމެވެ. މިސާލަކަށް 400 މީހުންނަށް ކިއަން ބޭނުންވާނަމަ އެކަން ކަނޑައަޅާށެވެ. އަދި 350 އާއި ހިސާބަށް ދެވެމުން ދައުވަތު ލިސްޓަށް މީހުންގެ ނަން އިތުރު ކުރުން ހުއްޓާލާށެވެ. މީގައި އޮތް އުކުޅަކީ، މިހާ ހިސާބަށް ދެވުމުން އުނިކުރާނެ ބައެއް ނަންތައް ފަހާގަކުރުމެވެ. އަދި ވަކި މީހަކަށް ކިޔައިފިނަމަ ކޮންމެހެންވެސް އޭނާއާއިއެކު އަންނާނެ އިތުރު ބަޔަކު ތިބޭނެކަން ނުވަތަ ނޫންކަންވެސް ދެނެގަންނަންވީ ހިސާބަކީ މިއީއެވެ.

ކާޑުތަކުގައި ނަންޖެހުމުގެ ކުރިން ދެ ފަރާތުގެ އާއިލާގެ އިސް މެމްބަރުންނާ، ކައިވެނީގެ ކަންކަމުގައި އިސްކޮށް އުޅޭ ޓީމާއެކު ލިސްޓު ހިއްސާކޮށްލުން ބުއްދިވެރިއެވެ. އޭރުން މަގެއްގެ ކޮޅުން ފެންނައިރަށް "އަންގާވެސް ނުލަމެއްނޫން"ހޭ ބުނެ، ސަޔަށް ގޮވާ މީހުންގެ އަދަދު ހިސާބަކަށް މަދުވެގެންދާނެއެވެ.