އެމެރިކާގެ ވެރިކަމުގެ 2 ވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށްޓަކައި، ރައީސް ޑޮނާލްޑް ޓްރަމްޕް، ރަސްމީކޮށް ރިޔާސީ ކެމްޕޭން ފައްޓަވައިފިއެވެ.

2020 ވަނަ އަހަރުވެސް އެމެރިކާގެ ރިޔާސަތު ކަށަވަރު ކުރެއްވުމަށް ޓްރަމްޕް ރަސްމީކޮށް ކެމްޕޭން ފެއްޓެވީ، ފްލޮރިޑާގައި ކުރިއަށް ގެންދެވި ހާއްސަ ރެލީއަކުންނެވެ.

ރެލީގައި ބައިވެރިވަމުން ދިޔަ ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހިތާ، ޖާނާ، އޮހޮރިގެންދާ ކޮންމެ ދާތިއްކެއްގެ އައުންސަކީވެސް "އެމެރިކާގެ ގަދަކަން" ކަށަވުރު ކޮށްދޭނެ ކަމެއް ކަމަށެވެ.

20000 މީހުންގެ އޯޑިއަންސްއަކާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އިދިކޮޅު ޑިމޮކްރަޓުން އިންތިހާއަށް "ހައްދުފަހަނަ"އަޅާފައި ވާކަމަށާ، އެމެރިކާގެ ތާރީހުވެސް ނުދެކޭ ވަރުގެ "ނުރައްކާތެރި" ބަޔަކަށް އިދިކޮޅު ޑިމޮކްރަޓުން ވެފައި ވާކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ރިޔާސީ އިންތިހާބު 2020އަށް ރަސްމީކޮށް ކެމްޕެއިން ފައްޓަވާފަ/ފޮޓޯ: ކޭއެފްޑީއެކްސް

ޑިމޮކްރަޓުންނަކީ ގައުމު ހަލާކުކޮށްލަން އުޅޭ ބައެއްގެ ގޮތުގައި ސިފަކުރައްވާ، އިދިކޮޅު ފަރާތްތަކަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވަމުން ޓްރަމްޕް ވިދާޅުވީ ޑިމޮކްރަޓުން ގެންގުޅޭ، "ހުޅުވާލާފައިވާ ސަރަހައްދީ އިމުގެ އެޖެންޑާ"އަކީ އެމެރިކާގެ މެދުފަންތީގެ އާއިލާތަކާ، މުޅި އެމެރިކާގެ ގައުމިއްޔަތަށް ބޭވަފާތެރި ކުރުވާ އެޖެންޑާއެއް ކަމަށެވެ. ނަމަވެސް ގައުމު ހަލާކުކޮށްލުމުގެ ފުރުސަތު، އިދިކޮޅު ޑިމޮކްރަޓުންނަށް ނެތްކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު އޮންނަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.