މޯލްޑިވްސް ޕާޓްނާޝީޕް ފޯރަމް ކާމިޔާބުކަމާ އެކު ނިންމާލީ 1.6 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޔަގީން ކުރުމަށް ފަހު ކަމަށް މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިއްޔެ އާއި މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޕާޓްނާޝިޕް ފޯރަމް ނިންމުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ މި ފޯރަމް ދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށެވެ. އެގޮތުން، ސަރުކާރުން ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅި 70 މަޝްރޫއަށް 1.6 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޔަގީން ކުރެވުނު ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މި ފޯރަމުގައި ބައިވެރިވި ބައިވެރިން ވަނީ ސަރުކާރުން ރާއްޖޭގެ ތަރައްގީ އަށް ގެންގުޅޭ ވިސްނުމަށް ތައުރީފުކޮށް، އެ ކަންތައް ބަލައިގެންފައެވެ. މި ފޯރަމުގެ ތެރެއިން ބައިނަލް އަގުވާމީ ބައެއް ޖަމްއިއްޔާ ތަކާއި ގައުމުތަކާއެކު ރާއްޖެއިން ވަނީ އެމްއޯޔޫތަކުގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ކުޑަ އިންޓްރެސްޓުގައި ދޭ ލޯނާއި، ހިލޭ އެހީގެ އިތުރުން ތަމްތީނުގެ ޕްރޮގްރާމުތައް ހިންގުމުގެ އެއްބަސްވުންތައް ހިމެނެއެވެ.

ޕާޓްނާޝިޕް ފޯރަމަށް 70 މަޝްރޫއެއް ހުށަހެޅުނު. ބައްދަލުވުން ނިމިގެންދިޔައިރު ސަރުކާރަށް ޔަގީންކަން ލިބިއްޖެ ކުރިއަށް އޮތް ދުވަސްތަކުގައި މި 70 މަޝްރޫއު ކުރިއަށް ގެންގޮސް ރައްޔިތުންނަށް އޭގެ ފޮނި މީރުކަން އިހުސާސް ކޮށްދެވޭނެކަމަށް
ޝާހިދު

މިނިސްޓަރު ޝާހިދު ވިދާޅުވީ، ހުށަހެޅިފައިވާ މަޝްރޫއުތައް ފަސް އަހަރު ތެރޭގައި ހިންގޭނެކަމުގެ ޔަގީން ކަން ސަރުކާރަށް ލިބިފައިވާ ކަމަށެވެ. އަދި މި 70 މަޝްރޫއުތައް ތަންފީޒުކޮށް، ދިވެހި ރައްޔިތުންނަށް މީގައި ހުރި ފޮނި މީރުކަން ލިބޭނެކަމަށާއި ބައިނަލް އަގުވާމީ މުޖުތަމައު ވަނީ ރާއްޖެ ބަަލައިގެންފައި ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭން ބޭނުންވާ ޖަޒީރާ ރާއްޖެ ގެނެސް ދިނުމަށް ދިވެހި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށާއި، ކުރިއަށް އޮތް ފަސް އަހަރު ތެރޭ ޖަޒީރާ ރާއްޖެ ހާސިލް ވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން، މިނިސްޓާ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވީ މި ފޯރަމްގެ އިންވެސްޓަރުންގެ ފަރާތުން ސުވާލުތައް އައި ކަމަށެވެ. ނަމަވެސް ސަރުކާރުން ހުރިހާ ވާހަކައެއް ސާފުކޮށް ކިޔައިދީފައިވާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އެގޮތުން މުޅި ދައުލަތުގެ ފިސްކަލް އެފެއާޒް ފެންނަން ހުންނާނެ ކަމަށާއި، ފިނޭންސް މިނިސްޓްރީ ވެބްސައިޓުން ހަފްތާއަކު އެއްފަހަރު އާންމު ކުރާ ރިޕޯޓްތަކުން ދަރަނި ހުންނަ މިންވަރާއި އާމްދަނީ ވެސް ފެންނަން ހުނާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. މިނިސްޓަރު އަމީރު ވިދާޅުވީ ކުރީގެ ސަރުކާރު ތަކުން ދެއްކީ ވާހަކަތައް ކަމަށާއި، ނަމަވެސް މި ސަރުކާރުން ކުރެވޭނެ ކަންކަން ދައްކާނީ އަމަލުން ކަމަށެވެ.

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި 35 ގައުމެއްގެ 27 ޖަމިއްޔާ އަކުން 130 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައި ވާއިރު މި ފޯރަމަކީ ފޮރިން މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީ ގުޅިގެން ބޭއްވި ފޯރަމެކެވެ. މި ފޯރަމް އެންމެ ފަހުން ރާއްޖޭގައި ބޭއްވީ މީގެ 10 އަހަރު ކުރިންނެވެ.