ބޭރުގެ ހަ އިއްޒަތްތެރިއަކު ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް މިއަދު އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ނައިބު ރައީސްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތް ކުރެއްވި ބޭރުގެ އިއްޒަތްތެރިންނަކީ، ތުރުކީ ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސާކިރު އޮޒްޚާން އާއި، ތައިލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޗުލަމީ ޗަތުސުވާން އާއި، ކެނެޑާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ބުރޫސް މެކް ކިނޮން އާއި، އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑޭވިޑް ހޮލީ އާއި، އައިއޯއެމް އިން އޭޝިޔާ އަދި ޕެސިފިކް ރީޖަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެޓާ، ޑރ. މާރިޔާ މޯތަސް އަދި ޔޫއެންއެފްޕީއޭގެ ކަންޓްރީ ޑިރެކްޓާ، ރިޝޫ ނެކެން އެވެ.

މި ބައްދަލުވުންތަކުގައި ނައިބު ރައީސް ވަނީ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމުގައި އެކި ގައުމުތަކުގެ ސަފީރުންނާއި، ބައެއް އިއްޒަތްތެރިން ތަމްސީލުކުރައްވާ ޖަމާއަތްތަކުން ބައިވެވަޑައިގެން ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، މި ފޯރަމް ވެގެންގޮސްފައި ވަނީ ރާއްޖޭގެ ތަރައްގީއަށް އެހީވެދޭ ފަރާތްތަކާއި ގުޅިގެން ކުރިޔަށް ދިއުމަށް އާ ދޮރުތަކެއް ހުޅުވިގެންދިޔަ ކާމިޔާބު ފޯރަމަކަށް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސާއެކު ވަކިވަކިން މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި ބޭރުގެ އިއްޒަތްތެރިން ވަނީ ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކުން ރާއްޖެއަށް ދޭ އެހީތެރިކަމާއި އެއްބާރުލުން އިތުރުކޮށް އެކުވެރިކަމުގެ ގުޅުން ވަރުގަދަ ކުރުމަށް ބޭނުންވާކަން ހާމަކުރައްވާފައެވެ.