9200 ހައުސިިން ޔުނިޓް އެޅުމުގެ ފްރޭމްވޯކް ޗައިނާއާއި އިންޑިއާގެ ކުންފުނިތަކަކާ އެކު މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ އިން ސޮއިކޮށްފިއެވެ.

މާލެ އާއި ދެކުނުގެ ފަސް އަަތޮޅެއްގައި ހައުސިން އުނިޓް އެޅުމުގެ މި ދެ މަޝްރޫއުގެ ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރީ މިދިއަ އެޕްރީލް އަދި މޭ މަހުގައެވެ. ނަމަވެސް އެކަން ހާމަކުރީ ރޭ ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދާއި ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިންއެވެ.

މާލޭގައި 4،200 ހައުސިން ޔުނިޓް އެޅުމުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސަރުކާރުން ޗައިނާގެ ކުންފުންޏަކާ އެކު ސޮއި ކޮށްފައިވާއިރު، ދެކުނުގެ ފަސް އަތޮޅެއްގައި 5،000 ހައުސިން ޔުނިޓްގެ ފްރޭމްވޯކް އެޅުމަށް އެއްބަސްވުން ހެދީ އިންޑިއާގެ "ދެތިން ކުންފުންޏަކާ" އެކު ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން ވާހަކަ ދައްކަވަމުން ޝާމިން ވިދާޅުވީ، ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރަނީ ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުގައި ކަމަށެވެ. އަދި މި ފްރޭމްވޯކް ހަވާލު ކޮށްފައިވާ ކުންފުނިތަކުން، ކުރެހުންތައް ތައްޔާރު ކުރުމާއި، ބިން ފައިނަލައިޒް ކުރުމާއި އަދި ސަރުކާރާ ގުޅިގެން ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި، މި މަސައްކަތްތައް މި މުއްދަތުގެ ތެރޭގައި ކުރެވުމުން، އަމަލީ މަސައްކަތަށް ކޮންސްޓްރަކްޝަންގެ އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށް ވެސް ޝާމިން ވިދާޅުވިއެވެ.

ޝާމިން ވިދާޅުވީ، އެ މަޝްރޫއުގެ އިތުރުން މާލޭ ސަރަހައްދުގައި އިތުރު 2000 ހައުސިން ޔުނިޓު އެޅުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހައުސިން ޔުނިޓް އެޅުމުގައި ސަރަހައްދުތައް ކަނޑައަޅާނީ ހައުސިން ނީޑް އެސެސްމަންޓް ހަދައި އެއަށް ބެލުމަށް ފަހު ކަމަށާއި އެކަމުގައި ރައްޔިތުންނާއި، ކައުންސިލްތަކުގެ ލަފާ ވެސް ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ދިރާސާތަކާ އެކު ރަށްރަށުގެ ކައުންސިލްތަކާ އެކު ވެސް މަޝްވަރާކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި "ފަހި ދިރިއުޅުން ކޯޕަރޭޝަން" މެދުވެރިކޮށް ކުރިއަށް ދާ މަސައްކަތްތަކެކެވެ.