ސުލޫކީ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ތައުދީބީ ފިޔަވަޅެއް އެޅުމަކީ ޣައިރުގާނޫނީ އަދި ޣައިރުދޫސްތޫރީ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން މިއަދު އާންމު ކުރި އަމުރުގައި ބުނީ، ފަނޑިޔާރަކު ނިންމާ މެރިޓާ ގުޅުވައިގެން ނުވަތަ އެ ނިންމުން ބިނާކުރު ޝަރުއީ އަދި ގާނޫނީ އަސާސްތަކާ ގުޅުވައިގެން އެ ނިންމުމެއް ގޯސްކަމަށް ބުނެ، ސުލޫކީ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ތައުދީބީ ފިޔަވަޅެއް އެޅުމަކީ ޣައިރުގާނޫނީ އަދި ޣައިރުދޫސްތޫރީ ކަމެއް ކަމަށެވެ. އަދި އެ ކޯޓުން ވަނީ މިއީ ޣައިރުގާނޫނީ އަދި ޣައިރުދޫސްތޫރީ ކަމެއް ކަމަށް ނިންމާ، ދައުލަތުގެ އެންމެހައި ފަރާތްތަކަށް މިކަން އާންމުކޮށް އަންގާފައެވެ.

ފަނޑިޔާރަކު ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނިންމުމެއް ނިންމުމަށްފަހު، އިންސާފު ގާއިމްކުރުމަށް ހުރަސްއެޅިފައިވާކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ޖައުހަރީ ސަބަބުތަކެއް ކުރިމަތިވާ ހާލަތުގައި އެފަދަ ކޮންމެ ނިންމުމެއް މުރާޖައާކޮށް އިންސާފު ގާއިމްކުރެވޭނެ މަގަށް އެ ނިންމުން ބަދަލުކުރުމުގެ ބާރަކީ އަބަދުވެސް އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސްފަރާތް ތަމްސީލުކުރާ ދައުލަތުގެ އެންމެ މަތީ ކޯޓަށް ލިބިގެންވާ ޝަރުއީ އަދި ގާނޫނީ ބާރެއް ކަން އެނގެން އޮންނަ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

ސުޕްރީމް ކޯޓުން ބުނީ، ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ އެއްވެސް މަރުހަލާއެއްގައި، މައުޟޫއީގޮތުން ނުވަތަ އިޖުރާއީ ގޮތުން ފަނޑިޔާރަކު ނިންމާ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން އެ ނިންމުމެއް ގޯސްކަމަށް ބުނެ، ސުލޫކީ ގޮތުން އެއްވެސް ސިފައެއްގައި އެ ނިންމުމެއް ނިންމި ފަނޑިޔާރަކު ފަނޑިޔާރުން ޖަވާބުދާރީ ކުރުވައިގެން ނުވާނެ ކަމަށެވެ. އަދި ފަނޑިޔާރުންގެ މައްޗަށް އެއްވެސް ބާވަތެއްގެ ތައުދީބީ ފިޔަވަޅެއް އެޅުމަކީ ޝަރުއީ ގޮތުން އަދި ގާނޫނީ ގޮތުން ވެސް އެއްވެސް ފަރާތަކަށް ލިބިދީފައިވާ އިހްތިސާސެއް ނޫންކަން ވެސް އެނގެން އޮންނަ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުން ބުނީ، އަދުލު އިންސާފު ގާއިމްކުރުމުގެ ލެޖިޓިމޭޓް އޮތޯރިތީ ލިބިގެން ވަނީ ހަމައެކަނި ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ކަމަށާއި، އަދި އެ އޮތޯރިޓީ ދައުލަތުގެ ދައުލަތުގެ އެހެން އެއްވެސް ބާރަކަށް، މުއައްސަސާއަކަށް އަދި އިދާރާއަކަށް ގާނޫނުން ލިބިދީފައި ނުވާކަމަށެވެ. އަދި ފަނޑިޔާރަކު އޭނާގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ދިން ރައުޔަކާ ގުޅިގެން ނުވަތަ ކުރި އަމުރެއް ނުވަތަ ހުކުމަކާ ގުޅިގެން ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކުގެ ބޭރުން އެއްވެސް ފަރާތެއްހައި އެ ފަނޑިޔާރަު ޖަވާބުދާރީއެއް ނުކުރެވޭނެ ކަމަށްވެސް އެ ކޯޓުން ބުނެއެވެ.