ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލައެއް އެ ކޮމިޝަނަން ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ތިން ފަނޑިޔާރުންގެ މައްސަލަތައް ބެލުމާ މެދު ކޮމިޝަނުން އަދި ވަކި ގޮތެއް ނިންމާފައި ނުވާތީ، އެއީ ކޮން ތިން ފަނޑިޔާރުންނެއް ކަމެއް އަދި އާންމުކޮށްފައެއް ނުވެއެވެ.

ޖޭއެސްސީން މިހެން ބުނި އިރު މިދިޔަ އަހަރުގެ ފެބްރުއަރީ އެކެއްގެ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ އެ ކޮމިޝަނަށް ހުށަަހެޅި ކަމަށް ކުރިން އަޑު ފެތުރެނެވެ. އެކަމަކު، ޖޭއެސްސީން ވަނީ އެކަން ދޮގު ކޮށްފައެވެ. ފަސް ފަނޑިޔާރުންގެ ސޮއާއެކު އެކެއް ފެބުރުއަރީގައި ނެރުނު އަމުރާ ގުޅިގެން އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރެވުނެވެ. އަދި އެ ފަހުން އެ އަމުރު ނެރެން ސޮއި ކުރި އަނެއް ތިން ފަނޑިޔާރުން އެ އަމުރު ބާތިލްކޮށްފައި ވާއިރު، އެ އަމުރު ބާތިލު ކުރަން ނެރުނު އަމުރުގައި ސޮއިކުރެއްވި ތިން ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފު އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކާ ގުޅޭ ގޮތުން އަލަށް ހުށަހެޅި ތިން މައްސަލަ ބެލުމާ މެދު އަދި ގޮތެއް ނުނިންމައި އޮތް ނަމަވެސް އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ފަސް މައްސަލައެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އޭނާއާ މެދު ފުރަތަމަ ހުށަހެޅި ދެ މައްސަލަ ބެލުން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އޭނާ އެދިވަޑައިގެންނެވުމުން އެގޮތަށް އަމަލުކުރަން ޖޭއެސްސީން ވަނީ ނިންމާފައެވެ. އެމަނިކުފާނަށް ތުހުމަތުކޮށް އާ ދެ މައްސަލައެއް ވެސް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފައިވެއެވެ. އެ ކޮމިޝަނުން، ބުނީ ފަނޑިޔާރު ދީދީގެ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާނެ ތަނެއް ލިބިނުހާ އަވަހަކަށް މައްސަލަ ބަލަން ފަށާނެ ކަމަށެވެ.