މާލޭގައި ހުންނަ ގެސްޓް ހައުސަކުން ހަރަކާތް ހުއްޓިފައި އޮއްވާ ފެނިގެން އައިޖީއެމްއެޗް އަށް ގެންދިޔަ ޒުވާނާ ވަނީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އައިޛީއެމްއެޗްގެ އޮފިޝަލް ވިދާޅުވީ، އެ ޒުވާނާ ހޮސްޕިޓަލަށް ގެނައި އިރުވެސް ވަނީ މަރުވެފައި ކަމަށެވެ. މިހާރު ޑޮކްޓަރުން ދަނީ އެ ޒުވާނާގެ މަރު ތަހުގީގު ކުރަމުން ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މާފަންނުގައި ހުރި ގެސްޓް ހައުސްގައި އޮތް މީހާގެ އަނގައިން ފޮނުތަކެއް އަރާ ކަމަށާއި އެމީހާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް ފުލުހުންނަށް ރޮޕޯޓުކޮށްފައިވަނީ މިއަދު 12:18 ހާއިރެވެ. އެއީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މަދުން ނަމަވެސް މާލޭގެ ގެސްޓްހައުސްތަކުގައި މިފަދަ ހާދިސާތައް ހިނގަމުން އަންނަ ކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން، މި މަހުގެ ތިންވަނަ ދުވަހު މާލޭގައި ހުންނަ ވިކްޓްރީ ގެސްޓް ހައުސްއިން 24 އަހަރުގެ ފިރިހެނަކު ހާލު ދެރަވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވާއިރު، އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް އެމީހާ ވެސް ވަނީ މަރުވެފައެވެ.