ދައުލަތަށް އެވަރަށް ފައިސާ ލިބޭ އިރު، ތުއްތު ކުދިންނަށް ހިލޭ ކިޔެވޭނެ ގޮތް ފަހިވާން ޖެހޭ ކަމަށް ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ޕްރީސްކޫލް ހިންގުމުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ، ޕްރީ ސްކޫލް ކުދިންގެ ކުޔެވުމަށް ގެނެވޭ އިސްލާހަކީ ވަރަށް މުހިއްމު އިސްލާހެއް ކަމަށެވެ. އެގޮތުން މިހާރު ޕްރީސްކޫލްތައް ހިންގަމުން އަންނަނީ އަމިއްލަ ފަރުދުން ކަމަށާއި އަދި ރަށްރަށުގައި މި ފަދަ ސްކޫލްތައް ހިނގަމުން އަންނަނީ އެރަށެއްގެ ކައުންސިލުތަކުގެ ބެލުމުގެ ދަށުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

މިގޮތަށް ހިންގާ ސްކޫތަކަށް ދިމާވާ ގޮން ޖެހުންތައް ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ، ހާއްސަކޮށް ދަނގެތި ދާއިރާގައި ހުރި ފަސް ރަށުގެ ޕްރީސްކޫލްތަކަކީ ވަރަށް ފެންވަރު ދަށްކޮށް ހިންގަމުންދާ ސްކޫލްތަކެއް ކަމަށެވެ.

ރަށްރަށުގައި އުޅޭ ރައްޔިތުންނަށް އެމީހުންގެ ޅަ ދަރިންނަށް ތައުލީމް ދިނުމަށް އެމީހުންނަށް އެކަން "އެފޯޑް" ނުކުރެވޭކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން ލިބޭ އާމްދަނީއަކުން ފައިސާ ދައްކައިގެން ދަރިން ތަރުބިއްޔަތު ކުރުމުގައި ވަރަށް ބޮޑެތި ގޮން ޖެހުންތަކެއް އެބައޮތް ކަމަށާއި ބެލެނިވެރިންނަށް ފައިސާ ދިނުމުގައި ދަތިތަކެއް އެބަހުރި ކަން ނާޒިމް ފާހަގަކުރެއްވެވިއެވެ. އެހެންކަމުން މި ބިލަށް އިސްލާހު އައުމުން ތުއްތު ކުދިންނަށް ވެސް ޅަފަތުގައި ހިލޭ ތައުލީމް ލިބޭނެގޮތްތައް ފަހިވެގެން ދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މަންމަ އުނގުން ފެށިގެން ކަށްވަޅަށް ދާންދެންވެސް ތައުލީމް ހާސިލްވުމުގައި، ރާއްޖޭގެ އާމްދަނީއަށް ބަލާއިރު ހިލޭ ކިޔަވައި ދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެވަރަށް ދިވެހި ރާއްޖޭގެ ދައުލަަތަށް ފައިސާ ލިބެމުން އެބަދާ ކަމަށާއި އަދި ތައުލީމް ހާސިލް ކުރުމަށް ވަކި އުމުރެއް ނެތްކަން ވެސް ނާޒިމް ފާހަގަ ކުރެއްވެވިއެވެ.

"ވަކި އުމުރެއް ކިޔުވުމަށް ނެތްކަން. ވަރަށް ފަހުންވެސް އިވިގެން މި ދިޔައީ 60 އަހަރުގައި ވެސް ތައުލީމް ހާސިލްކޮށް މީހަކު ޑިގްރީ ހާސިލްކޮށްފި"
ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް

ޕްރީ ސްކޫލްގެ ގާނޫނު މިހާރު އޮންނަ ގޮތުން ޕްރީ ސްކޫލްގެ ތައުލީމު ދޭން އޮންނަނީ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިންނަށެވެ. ނަމަވެސް ބެލެނިވެރިން އެކަމަށް ބޭނުންވާނަމަ ދެ އަހަރުން ފެށިގެން ވެސް ޕްރީ ސްކޫލްގެ ޕްރޮގްރާމްތަކުގައި ބައިވެރި ކުރެވޭނެއެވެ. އެ ގާނޫނަށް ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ހުށަހެޅުއްވި އިސްލާހަކީ އުމުރުން އެއް އަހަރުން ފެށިގެން ޕްރީސްކޫލް ތައުލީމުގައި ތުއްތު ކުދިން ބައިވެރި ކޮށްގެން ސްކޫލްތައް ހިންގަން ދައުލަތަށް ލާޒިމު ކުރުމެވެ.