އިންޑިއާގެ ބިހާރު ސްޓޭޓްގައި އެންސިފަލައިޓިސް ޖެހިގެން ގިނަ އަދަދަކަށް ކުޑަކުދިން މަރުވަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ބަލީގައި މަރުވި ކުދިންގެ އަދަދު 90 އަށް އަރާފައިވާއިރު، އަނެއް ބައި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ބަލީގައި މަރުވި ކުދިންގެ އަދަދު މިހާރުވަނީ 100 އަށްވުރެވެސް މައްޗަށް އަރާފައެވެ.

މި ބަލިޖެހިގެން 200 އެއްހާ މީހުންނަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދާއިރު، މީގެ ތެރޭގައިވެސް ގިނައީ އުމުރުން 10 އަހަރު ނުވާ ކުޑަކުދިން ކަމަށް މައުލޫމާތު ލިބެއެވެ. ބިހާރު ސްޓޭޓްގެ އޮފިޝަލުން ވިދާޅުވީ މި ބަލީގައި މަރުވި ގިނަ މީހުންނަކީ އާދަޔާ ހިލާފަށް ހަކުރު ދަށްވެގެން މަރުވި މީހުންނެވެ.

1970ގެ އަހަރުތަކުގައި މި ބަލި ފުރަތަމަ ފަހަރަށް ފެނުނު ފަހުން ބިހާރް ސްޓޭޓްއާއި އެ ސްޓޭޓްއާއި އަވަށްޓެރި އުއްތަރަ ޕްރަދޭޝްއިން އެތައް ހާސް ކުދިންނެއް ވަނީ މަރުވެފައެވެ.

އިންޑިއާ ސަރުކާރުންވަނީ މިހާރު ފެތުރެމުންދާ އެންސިފަލައިޓިސް ބަލިމަޑުކަމުގެ އަސަރު ކުރި އާއިލާތަކަށް ބޭނުންވާ އެއްބާރުލުމާ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ. މި ބަލި އެންމެ އާންމުކޮށް ފެތުރެނީ ހުޅަނގު މޫސުމުގެ ދުވަސްވަރުގައެވެ.

މީގެ ކުރިން މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވީ ޖަޕަނީޒް އެންސިފަލައިޓިސް ޖެހިގެންނެވެ. އެއީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ. ފާއިތުވީ 10 ވަރަކަށް އަހަރަށް ބަލާއިރު އެންމެ ގިނަ ކުދިން މަރުވެފައިވަނީ ވައިރަލް އެންސިފަލައިޓިސް ޖެހިގެންނެވެ. މިކަން މިހެން މެދުވެރިވާންވީ ހަގީގީ ސަބަބު އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.

އެންސިފަލައިޓިސް ޖެހުމުން ބޮލުގައި ރިއްސާ ހޮޑުލުމުގެ އިތުރުން ކޯމާއެއްގެ ހާލަތަށް ބަލި މީހާ ވައްޓާލައެވެ. މީގެ އިތުރުން ސިކުނޑީގެ މަސައްކަތްތައް ހުއްޓުމަކަށް އައުމާ، ފިޓް ޖެހުމާ، ކިޑްނީއާއި ހިތުގެ އިންފްލަމޭޝަން ފަދަ ނުރައްކާތަކާ ކުރިމަތިކުރުވައެވެ.