ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މިރޭ ޖޭއެސްސީއަށް ހާޒިރުވާން އަންގައިފިއެވެ. ޖޭއެސްސީން ބުނީ އަބްދުﷲ ދީދީ ހާޒިރު ވަނީ މިރޭ 11:30 އަށް ކަމަށެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ޖެއެސްސީއަށް ހާޒިރު ކުރަނީ އޭނާއާއި ގުޅޭ ޖިނާއީ ތަހުގީގެއް ފުލުހުން ކުރާތީ އޭނާ ޖޭއެސްސީން ސަސްޕެންޑު ކުރި ކުރުން، ސްޕްރީމް ކޯޓުން ބާތިލު ކުރުމާ ގުޅިގެންނެވެ. ޖޭއެސްސީން ދީދީ ސަސްޕެންޑް ކުރި މައްސަލައިގައި ސްޕްރީމް ކޯޓުން ފުރަތަމަ ނެރުނު އަމުރުގައި ބުނީ އޭނާއާ މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށެވެ. އެ އަމުރު ގަބޫލު ނުކޮށް ޖޭއެސްސީން ބުނެފައި ވަނީ އެ ކޮމިޝަނުން ނިންމި ނިންމުން ދެމި އޮތް ކަމަށެވެ. އެއާ އެކު ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމެޓީން ވަނީ ޖޭއެސްސީގެ ނިންމުމަށް ތާއީދު ކޮށްފައެވެ.

ޖޭއެސްސީގެ އެނިންމުންވެސް ސްޕްރީމްކޯޓުން ބަލައެއް ނުގަތެވެ. އެކޯޓުން މިއަދު ބުނެފައިވަނީ ދީދީގެ ސަސްޕެންޝަނާ ގުޅޭގޮތުން ޖޭއެސްސީން ނިންމާ ކޮންމެ ނިންމުމެއްވެސް ބާތިލު ވާނެ ކަމަށެވެ.

މިއަދު ރައީސް މުހައްމަދު ސޯލިހުވެސް ވަނީ ސަރުކާރުން ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ރައީސް ވިދާޅުވީ، ޖޭއެސްސީ އަކީ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމަށް ގާނޫނު އަސާން އެކަށަ އަޅާފައިވާ މުއައްސަސާ ކަމަށް ވާއިރު އެ މުއައްސަސާގެ ނިންމުންތަކާ ގުޅިގެން އެ މުއައްސަސާ ޖާވާބުދާރީ ކުރުވޭނޭ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.

އަދި ރައީސް ވިދާޅުވީ ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ދައުލަތް ހިންގުމުގެ ނިޒާމަށް ހުރަސް އެޅޭނެ ފަދަ އެންމެހާ ކަންކަމުން ދުރުހެލިވެ ތިބުމަށެވެ.

ފަނޑިޔާރު ދީދީއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައެކެވެ. އެމައްސަލައިގައި ވަނީ ދީދީގެ އަނބިކަނަބަލުންގެ އެކައުންޓަކަށް ރިޝްވަތުގެ 1 މިލިއަން ޑޮލަރު ޖަމާކުރިކަމުގެ ތުހުމަތެވެ. ދީދީގެ އަނބިކަނބަލުންނަކީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރެވެ.

މި މައްސަލައާ ގުޅިގެން ދީދީގެ އަނބިކަނބަލުންގެ މައްޗަށް އެއްވެސް ފިޔަވަޅެއް އެޅިންތޯ ފޮރިން މިނިސްޓްރީއާ ސުވާލު ކުރުމުން، އެމިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.