ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް ނިންމާ ނިންމުންތަކަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން އަމުރެއް ނެރެފިއެވެ.

ސުޕްރީމް ކޯޓުން ނެރިފައިވާ އަމުރުކަމަށް ބުނެފައިވަނީ، އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަނާއި ގުޅިގެން އެ ކޯޓުން ނެރުނު ވަގުތީ އަމުރަށެވެ.

ސުޕްރީމް ކޯޓުން ދެންމެ ނެރުނު އަމުރެއްގައި ބުނެފައިވަނީ އެ ކޯޓުން ނިންމާ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި، ސުޕްރީމް ކޯޓުގެ ވަގުތީ އަމުރާ ހިލާފަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރު އަބްދުﷲ ދިދީގެ ސަސްެޕެންޝަން ދަމަހައްޓަން ނިންމި ނިންމުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ޖޭއެސްސީގެ ނިންމުމުގެ މައްޗަށް ބިނާކޮށް އެ ކޮމިޝަނުން ނިންމާ ކޮންމެ ނިންމުމަކީ އޭގެ މައްޗަށް ޗަރުއީ އަދި ގާނޫނީ އެއްވެސް ނަތީޖާއެއް ތަރުތީބުވެގެން ނުދާނެ ޣައިރުދުސްތޫރީ އަދި ޣައިރުގާނޫނީ ނިންމުމެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ވަގުތީ އަމުރާ ހިލާފަށް އެ ކޮމިޝަނުން ނިންމާ ކޮންމެ ނިންމުމަކީ އެއަށް ގާނޫނި އެއްވެސް ހައިސިއްޔަތެއް ލިބިގެން ނުވާ މުޠުލަގު ސިފައެއްގައި ބާތިލް ނިންމުމެއް ކަމަށެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ވަގުތީ އަމުރާ ހިލާފަށް އެ ކޮމިޝަނުން ނިންމާ ކޮންމެ ނިންމުމެއް ނިންމުމަށްޓަކައި އެ ކޮމިޝަނުން ހިންގާ ކޮންމެ އިޖްރާއަތަކީ ވެސް، ބާތިލު އިޖްރާއަތެއް ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ވަގުތީ އަމުރާ ހިލާފަށް އެ ކޮމިޝަނުން ނިންމާފައިވާ އެއްވެސް ނިންމުމެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހަށާއި، އަދި އެ މަޖިލީހުގެ ކޮމިޓީއަކުން ނުވަތަ ދައުލަތުގެ ކަމާބެހޭ އެއްވެސް މުއައްސަސާާއަކުން ނުވަތަ އިދާރާއަކުންވިޔަސް ނިންމާ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި، އެކަން ޖޭއެސްސީއާއި މަޖިލިސް އަދި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށާއި އިދާރާތަކަށް އަންގާކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.

ސުޕްރީމް ކޯޓުގެ މި އަމުރާއެކު، ޖޭއެސްސީއަށް ތާއިދުކޮށް މަޖިލީހުން ނިންމާ ނިންމުންވެސް ބާތިލް ވާނެއެވެ. މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ޖޭއެސްސީގެ ނިންންމުން ބަލައިގަނެ، ގާނޫނީ ބާރު ލިބޭނެކަމަށް ކަނޑައެޅުމަށް މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ފޮނުވުމަށް ނިންމާފައެވެ.

ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެންނެވެ. ނަޝީދު ހުށަހެޅުއްވި މައްސަލަައިގައި ވިދާޅުވީ، ދީދީ ރިޝްވަތު ނެންނެގެވި ކަމަށެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ ޖެހިގެން އައި ދުވަހު އެ ނިންމުން ބާތިލްކަމަށް ކަނޑައަޅާ، ދީދީއާ މެދު އެއްވެސް ފަރާތަކުން ފިޔަވަޅު ނޭޅުމަށް ވަގުތީ އަމުރެއް ނެރެފައެވެ.

ނަމަވެސް ޖޭއެސްސީން ވަނީ އެ އަމުރަށް ތަބާނުވުމަށް ނިންމާ ދީދީގެ ސަސްޕެންޝަން ދަމަހައްޓާފައެވެ. ނަމަވެސް ދިދީ ވަނީ ޖޭއެސްސީގެ ނިންމުމަށް ތަބާވެވަޑައިނުގެން މަސައްކަތަށް ނުކުންނަވާފައެވެ. އަދި އޭނާ ވަނީ ޖޭއެސްސީގެ ފަސް މެންބަރެއްގެ މައްސަލަ ބަލައި ދިނުމަށް ފުލުހުންނަށް ހުށަހަޅާފައެވެ.