ކޮމިޝަން ފޯ ޕްރިޒަންސް އޯޑިޓުން ތައްޔާރު ކޮށް، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އާންމު ކޮށްފައިވާ ރާއްޖޭގެ ޖަލުތަކާއި ބެހޭ އޮޑިޓް ރިޕޯޓް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަށް ވަނަ ޖަލްސާގައި ބަހުސް ކުރުމަށްފަހު، ޖަލުތަކާއި ބެހޭ އޮޑިޓް ރިޕޯޓް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ފާސް ކުރީ 79 މެންބަރުންގެ ތާއިދާއި އެކުގައެވެ. މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވީ 80 މެންބަރުންނެވެ.

މި ރިޕޯޓް ކޮމިޓީއަށް ފޮނުވުމަށް މިއަދު މަޖިލީހުން ފާސްކޮށްފައި ވާއިރު، އެޗްއާރްސީއެމް އިން ނެރުނު ނޫސް ބަޔާނުގައި، ޖަލުތަކާ ބެހޭ އޮޑިޓް ރިޕޯޓްގައި ހަގީގަތާ ހިލާފު ވާހަކަތައް އެކުލެވޭ ކަމަށް ބުނެފައިވެއެވެ. އެގޮތުން، އެޗްއާރްސީއެމް އިން ބުނީ، އެ ކޮމިޝަނުން ބަލަމުންދާ ޓޯޗާގެ މައްސަލަތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ތިބޭ މީހުންގެ އެންމެހައި ހައްގުތައް ކަށަވަރު ކުރުމަށް އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާއި، މި ރިޕޯޓް އެކުލަވާލުމަށް އެ ކޮމިޝަނުން ފޯރުކޮށް ދީފައިވާ މައުލޫމާތު ތަކަށް ރިއާޔަތް ނުކޮށް ހަގީގަތާއި ހިލާފު މައުލޫމާތު އެ ރިޕޯޓްގައި ހިމަނައިފައި ވާކަމަށެވެ. އަދި ޖަލުތަކާއި ބެހޭ ރިޕޯޓްގައި، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ރަނގަޅު ކުރުމަށް ހުށަހަޅާފައިވާ ގިނަ ހުށަހެޅުން ތަކަކީ އެ ކޮމިޝަނުން އެކި ފަހަރު މަތިން އެ އިދާރާތަކަށް ހުށަހަޅައި އެކަންކަން ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރުވެސް އެ ހުށަހެޅުންތައް ތަންފީޒު ކުރުމަށް އެތައް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން، ހޯމް މިނިސްޓްރީން ބުނީ އެ ރިޕޯޓުގެެ 179 ވަނަ އިރުޝާދުގައިވާ ފަދައިން އެ އެރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި، އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ކަންތައްތައް ކުރަމުންދޭތޯ ބެލުމާއި، އިސްލާހުތައް ގެނައުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދީ، ތާވަލުކުރެވޭ ގަވާއިދަކުން އެކަންކަން ހިނގަމުންދޭތޯ ބެލުމަށް ހޯމް މިނިސްޓަރު ވަނީ ޕްރިޒަންސް ރިފޯމް މޮނިޓަރިން ކޮމިޓީ އެއް އެކުލަވާލައްވާފައެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓާ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ (ރިޔާސަތު)، މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމްއެފެއާޒް އަލީ ނަޒީރު، އިނިސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަހުމަދު މުހައްމަދު ފުޅު، ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު އާސިފްގެ އިތުރުން ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރެވެ.