މަޖިލީހަށާއި އެކި ބައްދަލުވުންތަކަށް ވަޑައިގަންނަވަނީ ފައި މަގުގައި ހިންގަވާފައި ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ، ސްވީޑަންގެ ސަރުކާރުގެ އިސްވެރިންނާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން، އެއްތަނުން އަނެއްތަނަށް ވަޑައިގެންނެވުމުގައި ގެންގުޅުއްވާ ގޮތުގެ ވާހަކައާއި ގުޅިގެން "ދަޕްރެސް" އިން އާންމުކުރި ރިޕޯޓަކާއި ގުޅިގެންނެވެ.

މި ލިޔުމުގައި ބުނެފައިވަނީ، ސްވީޑަންގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ހާއްސަ ކުރެވިފައިވާ ރަސްމީ ކާރުކޮޅުތަކެއް ނޯންނަ ވާހަކައެވެ. އަދި ޕްރައިވެޓް ޑްރައިވަރުން ނުތިބޭ ކަމާއި، އެބޭފުޅުން ވެސް އެއްތަނުން އަނެއް ތަނަށް ވަޑައިގަންނަވަނީ އާންމު ފަރުދެކޭވެސް އެއްފަދައިން، އާންމު ދަތުރުފަތުގެ ވިއުގާ ތެރެއިން ފޯރުކޮށްދެވޭ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ ގޮތުގައި ކަމަށް މި ލިޔުމުގައި ބުނެފައިވެއެވެ.

ފައިމަގުގައި އުޅުއްވާތީ އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހޮވުމުން އެވާނީ ރައްޔިތުންގެ މީހަކަށް ކަމަށާއި، އެންމެ ފަސޭހައިން ރައްޔިތުންގެ އަޑު އަހާލާ ވާހަކަ ދައްކާލާ ރައްޔިތުން އެކުގައި އުޅުމަށް ފަސޭހަވާނެ ކަމަށެވެ.

"ސްވީޑަންގެ ހިޔާލަށް ތާއިދު ކުރަން، އެކަމަކު ޕަބްލިކް ޓްރާންސްޕޯޓް ހަރުދަނާ ކުރަންޖެހޭ"
އާދަމް ޝަރީފް

ރާއްޖޭގައި އަދި ޕަބްލިކް ޓްރާންސްޕޯޓު ވަރުގަދަ ނޫންކަން ފާހަގަ ކުރައްވަމުން އާދަމް ޝަރީފް ވަނީ އެކަން ހަރުދަނާ ކުރަންޖެހޭކަން ފާހަގަ ކުރައްވާފައެވެ.

ސްވީޑަންގެ ހިޔާލަށް އާދަމް ޝަރީފް ތާއިދު ކުރައްވާކަން ހާމަކުރެއްވި އިރު، ސްވިޑެންގެ ސިޔާސީ ބޭފުޅުންނަކީ ޕާސަނަލް ސެކްރެޓަރީން ވެސް ގެންގުޅުއްވާ ބޭފުޅުން ކަމުގައެއް ނުވެއެވެ. މިއިން ބޭފުޅެއްގެ މުސާރައަކީ ޕްރީ ސްކޫލް ޓީޗަރެއްގެ މުސާރައިގެ ދެގުނައެވެ. އާންމު ރައްޔިތަކަށް ވުރެ އިތުރަށް ލިބިވަޑައިގަންނަވާ އިމްތިޔާޒުތަކަކާ ބާރުތަކެއްވެސް ނޯވެއެވެ. ނަމަވެސް ރާއްޖޭގައި އެކަން އޮތީ ދިމާ އިދިކޮޅަށެވެ. މެންބަރެއްގެ މުސާރައާއި އިނާޔަތް ލައްކައަކަށް އަރައެވެ. ނުވިތާކަށް ބޮޑީގާޑުންނާއި އިމްތިޔާޒުތަކާއި ބާާރުތަކެއް ވަނީ ދީފައެވެ.

ނަމަވެސް މި ކަންކަން ހައްލުކޮށް މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރުމަކީ މަޖިލިސް 2019 އަށް ދިވެހިން ކުރި އުއްމީދެކެވެ. މިކަން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންދާ ގިނަ ބަޔަކު ދަނީ އަދިވެސް ބުނަމުންނެވެ.