އޮސްޓްރޭލިއާ އަދި ރާއްޖޭގެ ފުލުހުން ގުޅިގެން ކުރިއަށް ގެންދާ އޭޝިއާ ކައުންޓާ ޓެރަރިޒަމް ލީޑާސް ފޯރަމް ހަތް ގައުމެއްގެ މަންދޫބުންނާއެކު މިއަދު ފަށައިފިއެވެ.

ފުލުހުން ބުނީ، ތިން ދުވަހަށް ކުރިއަށް ގެންދާ މި ފޯރަމްގައި އެކި ގައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންފައި ވާ ކަމަށެވެ. އޭގެތެރޭގައި ސްރީލަންކާ، ބަންގްލަދޭޝް، ތައިލެންޑް، މިޔަންމާގެ އިތުރުން އަފްގާނިސްތާން، އޮސްޓްރޭލިއާ، އަދި ދިވެހިރާއްޖޭ މަންދޫބުން ހިމެނެއެވެ.

މި ފޯރަމްގައި ރާއްޖޭގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެވަޑައިގެންފައި ވެއެވެ.

މި މަހުގެ 17 އިން 19 އަށް ރާއްޖޭގައި ބާއްވާ މި ފޯރަމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ އޭޝިއާގެ ގައުމުތަކުގެ މެދުގައި ހުރި ކައުންޓާ ޓެރަރިޒަމްގެ މައްސަލަތަކާ ބެހޭގޮތުންނާއި ގައުމުތަކުގައި މިކަން އޮތް ހާލަތާ ބެހޭގޮތުންނެވެ. ސަރަހައްދީ ބައިވެރިނާ އެކީ ކުރެވޭ މަޝްވަރާތަކުގެ ތެރޭގައި ދުނިޔޭގައި ހިނގާ ޓެރަރިޒަމްގެ ހަމަލާތަކުގެ ސަބަބުން ދިމާވާ ނުރައްކަލާއި ގޮންޖެހުންތަކަށް ވެސް މި ފޯރަމްގައި އަލިއަޅުވާލާފައި ވެއެވެ.

މި ފޯރަމްގައި މިފަދަ މައްސަލަތަކުގައި ގައުމުތައް ވަކިވަކިން މަސައްކަތްކުރުމުގެ ބަދަލުގައި ގުޅިގެން ކުރެވޭނެ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުން ވެސް ސެމިނާގެ ބައިވެރިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެއެވެ.