ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނިންމުމަކީ ގާނޫނީ ބާރު އޮތް ނިންމުމެއް ކަމަށް މަޖިލީހުން ކަނޑައަޅަން، ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމި ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށް މަޖިލީހުން ކަނޑައެޅުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ޖުޑިޝަރީ ކޮމިޓީއަށް މި މައްސަލަ ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީިން ޖޭއެސްސީގެ ނިންމުން ތަޅުމަށް ހުށަހަޅަން ނިންމީ އެ ކޮމިޓީއަށް ޖޭއެސްސީގެ މެންބަރުން ހާޒިރުކޮށް އެ ކޮމިޝަންގެ މެންބަރުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.
ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާގޮތުގެ މަތިން ޖޭއެސްސީން ނިންމާ ނިންމުންތަކަކީ ގާނޫނީ ބާރު ފުރިހަމައަށް އޮތް ނިންމުންތަކެއް ކަމަށާއި، މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޝަނުން ނިންމި ނިންމުމަކީ ވެސް ގާނޫނީ ބާރު ފުރިހަމަޔަށް އޮތް ނިންމުމެއް ކަމަށް މަޖިލީހުން ކަނޑައެޅުމަށެވެ.
ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓް ފާސްކޮށްފައިވަނީ، ރޭ އެކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަ މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ ވޯޓާއެކުއެވެ. މި ރިޕޯޓާ ދެކޮޅަށް ވޯޓު ދެއްވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނެވެ.
އަލީ ހުސައިން ވިދާޅުވެފައވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްތޯ ނުވަތަ ނޫންތޯ ރައްޔިތުންގެ މަޖިލީހަކަށް ނުނިންމޭނެ ކަމަށެވެ. އަދި އެކަން އެގޮތަށް ނިންމައިފި ނަމަ އެއީ ކޯޓެއް ގޮތަށް މަޖިލިސް ހިންގުން ކަމަށް އޭނާ ވިދާޅުވިއެވެ.