ރައްޔިތުންނަށް ސާފު ޖުޑިޝަރީއެއް ލިބޭނެ ކަމަށް އެޓާނީ ޖެނެރަލް، އިބްރާހިމް ރިއްފަތް ވިދާޅުވެއްޖެއެވެ.

ރިއްފަތް ވިދާޅުވީ، ހަގީގީ މިނިވަން ކަން ލިބޭނީ، ގާނޫނުގެ ހުކުމް ލިބިގެން ކަމަށާއި، މިހާރު ރާއްޖޭގެ މިނިވަން ކަމާއި، ހައްގުތައް ވަނީ ޖުޑިޝަރީގެ ބާރުތެރޭގައި ކަމަށެވެ. އޭޖީ ވިދާޅުވީ، ޖުޑިޝަރީ އިސްލާހު ކުރުމަކީ ރައްޔިތުންނަށް ހައްގު ކަމެއް ކަމަށާއި، ގާނޫނުގެ ހުކުމަކީ ސަލާމަތް ކުރުން ހައްގު އެއްޗެއް ކަމަށެވެ.

އޭޖީ މިހެން ވިދާޅުވީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަސް މެންބަރުންގެ މައްސަލަ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފުލުހަށް ހުށަހެޅުއްވުމާއި ގުޅިގެންނެވެ. އެގޮތުން، ފަނޑިޔާރު ދީދީ ފުލުހުންނަށް ހުށަހެޅުއްވީ ޖޭއެސްސީގެ މެންބަރުންގެ ތެރޭގައި އޭޖީ ރިފްަތު ވެސް ހިމެނެއެވެ. އޭޖީގެ އިތުރުން، ފަނޑިޔާރު ދީދީ މައްސަލަ ހުށަހެޅުއްވީ، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސިއަށް އައްޔަން ކުރި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ އިތުރުން އިތުރު ދެ މެންބަރުންގެ މައްސަލައެވެ.

ދީދީ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އެ ފަސް މެންބަރުން އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅި ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކޮށް ދައުވާ އުފުލައިދިނުމަށް ދީދީ ވަނީ އެދިވަޑައިގެންފައެވެ.

ޖޭއެސްސީގެ ފަސް މެންބަރެއްގެ މައްސަލަ ދީދީ ފުލުހުންނަށް ހުށަހަޅުއްވާފައިވާ އިރު، އެ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އޭނާ ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ޖެހިގެން އައި ދުވަހު އޭނާގެ މައްޗަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެކަމަށް ބުނެ ޖޭއެސްސީގެ ނިންމުން ބާތިލްކޮށްފައެވެ.