އިންޑިއާގައި ކުރިއަށް ގެންދިޔަ 17 ވަނަ އާންމު އިންތިހާބުގައި ގަނޫނު ހަދާ މަޖިލީސް (ލޮކް ސަބާ) އިން ގޮނޑި ކަށަވަރުކުރެއްވި ބައެއް މެންބަރުން، ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ ކުރައްވައިފިއެވެ.

މަޖިލީހުގެ ބައެއް މެންބަރުން ހުވާކުރައްވާފައިވަނީ މިހާރު ކުރިއަށްދާ އިންޑިއާގެ 17 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ. ހުވާކުރުމުގެ ރަސްމިއްޔާތެއް އަންގާރަ ދުވަހުވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ ވެރިކަން ކުރާ ބީޖޭޕީގެ މެންބަރު އަދި ގާނޫނު ހަދާ މަޖިލީހުގައި 7 ދައުރު ފުރިހަމަ ކުރައްވާފައިވާ ވިރޭންދްރާ ކުމާރެވެ.

މިހާރު ކުރިއަށްދާ 17 ވަނަ ލޮކް ސަބާގެ ދާއިމީ ރައީސް އިންތިހާބު ކުރެވުމާއިއެކު ވިރޭންދްރާ ކުމާރުގެ މައްސޫލިއްޔަތު، ބުދަ ދުވަހު ނިމުމަކަށް އަންނާނެއެވެ.

އިންޑިއާގެ 17 ވަނަ ގާނޫނު ހަދާ މަޖިލީހުގެ ފުރަތަމަ ދައުރު، އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.