އޮފީހުގެ މޭޒުދޮށުގައި އެތައް ގަޑިއިރެއް އިށީނދެ އިނދެގެން ހޭދަކުރަމުންދާ އިރު އިރުގަނޑެއް ވަންދެން ކޮޅަށް ހުންނަން ހިތަކަށް ނާރާ ހެއްޔެވެ؟ މިފަދައިން ހިތަށް ނާރާނަމަ، އެ ވަގުތު މިއޮތީ އައިސްޖެހިފައެވެ. ބަރުދަން ލުއިކުރުމަށްޓަކައި ކަސްރަތަކީ އެންމެ މުހިންމު އަސާސެވެ. ނަމަވެސް، އިރުގަނޑަކު ކޮޅަށް ހުރެގެންވެސް ހަށިގަނޑުން ކެލަރީޒްކޮޅެއް އަންދާލެވިދާނެކަން އެނގޭ ހެއްޔެވެ. މިއީ މިހާރު ތިޔަ ގެންގުޅޭ ގޮނޑިއާއި މޭޒު ދޫކޮށް، ކޮޅަށް ހުރެގެން މަސައްކަތް ކުރެވޭނެ މޭޒެއް ހޯދަން ނިކުންނަންވީ ވަގުތެވެ.

ކޮޅަށް ހުރުން އެހީވެދެނީ ކިހިނެއް؟

ގިނަ ވަގުތު އިށީނދެގެން އިނުމަކީ ބަރުދަން އިތުރުވުމުގެ އިތުރަށް، ތަފާތު އެކި ކަހަލަ ތަކުލީފުތަކާ ކުރިމަތިކުރުވާ ކަމެކެވެ. ހެލިފެލިކަމެއް ނެތި، މާ ގިނައިރު އިށީނދެއިނުމަކީ، އުމުރަށްވުރެ އަވަހަށް މީހާ މުސްކުޅިވެސް ކޮށްލާ ކަމެކެވެ.

ގިނަ ވަގުތު އިށީނދެ އިނުމަކީ ހަށިގަނޑުގެ ގުނަވަންތައް ވަށައިގެން ސަރުބީޖަހާ މިންވަރު އިތުރުކުރުވާ ކަމެކެވެ. މިކަމަށް ހައްލު ލިބެނީ ކަސްރަތުކޮށްގެންނެވެ. އެކަމަކު ބައެއް މީހުންނަކީ އޮފީހުގެ ބުރަކަމާހެދި ޖިމްއަކަށް ގޮސް ކަސްރަތުކޮށްލުމަށް، ނުވަތަ މަގުމައްޗަށް ނިކުމެ ދުވެލާ އުޅުމަށް ވަގުތު ވާ މީހުން ކަމަކަށް ނުވެއެވެ. މިފަދަ މީހުންނަށް އެންމެ ބުއްދިވެރި ގޮތަކީ އޮފީހުގައި ކޮޅަށް ހުރެގެން މަސައްކަތްކުރުމެވެ.

ކޮޅަށް ހުރެގެން ކިހާ ކެލަރީއެއް އަނދާލެވިދާނެ؟

މާޔޯ ކުލިނިކުގެ ޕްރިވެންޓިވް ކާޑިއޮލިޖީ ޔުނިޓްގެ ޑރ.ފްރާންޗެސްކޯ ލޯޕޭޒް-ހިމޭނޭޒް އިސްކޮށް ހުންނަވައިގެން ކުރެއްވި ދިރާސާގެ ނަތީޖާއަށް ބަލާއިރު، އިށީނދެ އިނުމަށްވުރެ ގިނަ ކެލަރީޒް ވިރެނީ ކޮޅަށް ހުރެގެންނެވެ.

ހާހެއްހާ މީހުން ބައިވެރިކޮށްގެން ކުރި ދިރާސާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮޅަށް ހުރެގެން، މިނެޓެއްގެ ތެރޭގައި، 0.15 ކެލަރީޒް (ގިނައިން) އަންދާލެވެއެވެ. މީގެ މާނައަކީ، ބަރުދަނުގައި 65 ކިލޯގްރާމް ހުންނަ މީހަކު، ދުވާލަކު 6 ގަޑިއިރު ކޮޅަށްހުރެއްޖެނަމަ، އޭނާގެ ހަށިގަނޑުން 54 ކެލަރީޒް އަންދާލެވޭނެ ކަމެވެ.

މީހަކު އޮފީސް މޭޒު ކައިރީގައި އިށީނދެ އިނދެ، މޭޒުގައި ބޯ އަޅާލައިގެން/ފޮޓޯ: މެޑިކަލް ޑެއިލީ

އާންމު ދިރިއުޅުމުގެ އާދަތައް މިހާރު ބަދަލުވެފައިވާ ގޮތުން، އާދައިގެ މީހަކު ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 13 ގަޑިއިރު ހޭދަކުރަނީ އިށީނދެގެން ކުރާ ކޮންމެވެސް ކަމެއް ކުރުމުގައެވެ. 8 ގަޑިއިރު ހޭދަކުރަނީ ނިދުމަށެވެ. އެހެންކަމުން ދުވާލެއްގެ 24 ގަޑިއިރުގެ ތެރެއިން، 21 ގަޑިއިރު މި ހޭދަވަނީ ޖިސްމާނީ ހެލިފެލިކަމެއް ނެތިއެވެ. އެހެންކަމުން ބުރަ މަސައްކަތެއް ނުކޮށް، ބަރުދަން ލުއިކުރުމަށް ކޮންމެވެސް މަސައްކަތެއް ކުރަން ބޭނުންނަމަ، ކޮޅަށް ހުރެވޭތޯ ބަލާށެވެ. ނަމަވެސް، ކޮޅަށް ހުންނަ ހުރުމުގައިވެސް ހަށިގަނޑު ބަހައްޓަންވީ ގޮތާ ނުބަހައްޓަންވީ ގޮތްތައް ހުރިކަން ހަނދާން ކުރަންވާނެއެވެ. އަދި އެކަކަށް ރަނގަޅު ގޮތް، އަނެއް މީހާއަށް ރަނގަޅު ނުވެވެސް ހިނގައިދާނެއެވެ. އެހެންކަމުން، މިފަދަކަމަކާ ކުރިމަތިލުމުގެ ކުރިން، ސިއްހީ ތަޖުރިބާކާރެއްގެ ލަފާ ހޯދަންވާނެއެވެ.