ބޮލީވުޑްގެ އުދަރެހުގައި ފަނޑުވުމެއް ނެތް 2 ތަރިންގެ ގޮތުގައި ސިފަކުރަމުން އަންނަ ސައިފް އަލީ ހާންއާއި ކަރީނާ ކަޕޫރުގެ ދަރިފުޅު ތައިމޫރަކީ އިންޑިއާގެ ސެލެބްރިޓީންގެ އާއިލާއަށް އުފަންވި އެންމެ މަގުބޫލު ދަރިއޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

އިންޓަނެޓް މެދުވެރިކޮށް، ދުނިޔޭގެ އެކި ހިސާބުތަކުން ހުރިހާ އުމުރެއްގެ މީހުންގެ ހިތްތައް ފަތަހަ ކުރަމުންދާ ތައިމޫރުގެ ފޮލޮވާޒް ލިސްޓު، 1 ނަންބަރު ތަރިންގެ ލިސްޓަކަށްވުރެ ކުޑައެއް ނޫނެވެ.

މިފަހަރުވެސް ތައިމޫރުގެ މަގުބޫލުކަން ގުގުމާލީ ފަތު އަޑުކިއާފައެވެ.

އިންޑިއާއާއި ޕާކިސްތާނުގެ ގުޅުންތައް އިންތިހާއަށް ނުތަނަވަސްވެފައިވަނިކޮށް، ދުނިޔޭގެ ތައްޓަށްކުޅޭ ކުރިކެޓް މުބާރާތުގައި ޕާކިސްތާނާ ދެކޮޅަށް އާދީއްތަ ދުވަހު އިންޑިއާއިން ނިކުމެ، ހޯދި އާދަޔާ ހިލާފު ކާމިޔާބީއާއިއެކު އެންމެ ބޮޑު އުފަލެއް ލިބުނު އެކަކީ ތައިމޫރު ފަދައެވެ.

އިންޑިއާގެ ކާމިޔާބީ ފާހަގަކޮށް، ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ތައިމޫރުގެ ފޮޓޯ ވައިރަލްވެގެންދިޔައީ އިނގިރޭސިވިލާތުގައި ކުޅެވުނު މެޗުގެ މަންޒަރުތަކާ ދާދިއެއް ހަމައެއްގައެވެ.

މި ފޮޓޯގައި ފެނިގެންދަނީ އިންޑިއާގެ ގައުމީ ކުރިކެޓް ޓީމުގެ ރަސްމީ ޖާޒީގައި، ގައުމީ ޓީމަށް ތައިމޫރު ސެލިއުޓްކުރާ މަންޒަރެވެ.

ތައިމޫރު މިވަގުތު ހުރީ އޭނާގެ އާއިލާއާއިއެކު ޗުއްޓީ ހޭދަކުރުމަށް އިނގިރޭސިވިލާތަށް ގޮހެވެ.