އިންޑިއާގެ ސިއްހީ ހިދުމަތްތެރިން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މިއަދު ހެނދުނު 6:00 އިން ފެށިގެން 24 ގަޑިއިރު ވަންދެކަށް ކުރިއަށްދާ މި އިހުތިޖާޖު އިންތިޒާމު ކުރަމުން ދަނީ އިންޑިއާގެ މެޑިކަލް އެސޯސިއޭޝަނުން އިސްނަގައިގެންނެވެ.

24 ގަޑިއިރުގެ އިހުތިޖާޖެއް ފަށާފައި ވަނީ ޑޮކްޓަރުންނަށް ދޭންޖެހޭ ސަލާމަތާއި، ހިމާޔަތާއި ރައްކާތެރިކަން އެކަށީގެންވާ ގޮތެއްގައި ފޯރުވައި ދެމުން ނުދާތީކަމަށް މައުލޫމާތު ލިބެއެވެ.

މި އިހުތިޖާޖާއެކު އިންޑިއާގެ ސިއްހީ ދާއިރާގެ ހިދުމަތްތައް ވަނީ މުޅިހެން ހުއްޓުމަކަށް އައިސްފައެވެ. ކުއްލި ހާލަތުގައި ދޭންޖެހޭ އަވަސް ފަރުވާގެ ހިދުމަތްތައް ފިޔަވާ، އެހެން ހުރިހާ ސިއްހީ ހިދުމަތެއް މިއަދު ވަނީ ނުދޭން ނިންމާފައެވެ. އޭގެ ތެރޭގައި، އިންޑިއާގެ ހޮސްޕިޓަލުތަކުން ދެމުންދާ އޯޕީޑީގެ ހިދުމަތްވެސް އެގައުމުގެ އެއްވެސް ހިސާބަކުން، އަންގާރަ ދުވަހުގެ ހެނދުނު 6:00 އާއި ހަމައަށް ނުލިބޭނެކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން ވެރިރަށް ނިއުދިއްލީގައި ހުންނަ އިންޑިއަން މެޑިކަލް އެސޯސިއޭޝަންގެ ހެޑްކުއާޓަރުގެ ކުރިމަތީގައި އިށީނދެ ތިބެގެން ކުރާ ސުލްހަވެރި އިހުތިޖާޖެއް މިއަދު ހެނދުނު 10:00 ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ ދައުލަތުން ހިންގަމުންދާ މެޑިކަލް ކޮލެޖުތަކާ ހޮސްޕިޓަލުތަކުން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައް މުޅިންހެން ހުއްޓުމަކަށް އައިސްފައިވާތާ މިހާރު ވަނީ ހަފުތާއެއްހާ ދުވަސްވެފައެވެ.

އިހުތިޖާޖު ކުރަމުންދާ ޑޮކްޓަރުން ވަނީ ސަރުކާރަށް ވަރުގަދަ ޑިމާންޑްތަކެއް ވެސް ކޮށްފައެވެ. ރައްދުގައި ސަރުކާރުން ބުނެފައިވަނީ، ޑޮކްޓަރުންގެ ޑިމާންޑްތަކަށް އިޖާބަ ލިބޭނެ ކަމަށާއި، ނަމަވެސް މިހާރުން މިހާރަށް ސިއްހީ ހިދުމަތްތައް ފަށަން ޖެހޭނެ ކަމަށެވެ.

އިންޑިއާގެ ސިއްހީ ހިދުމަތުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި، ރައްކާތެރިކަމާއި، ހިމާޔަތަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެމުން ނުދާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އިންޑިއާގެ ދާހިލީ ވުޒާރާއިން ވެސް ވަނީ ބުނެފައެވެ.