ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަސް މެންބަރުންގެ މައްސަލަ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފުލުހަށް ހުށަހަޅުއްވައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި ފަނޑިޔާރު ދީދީ ފުލުހުންނަށް ހުށަހެޅުއްވީ ޖޭއެސްސީގެ މެންބަރުން ކަމަށްވާ، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސިއަށް އައްޔަން ކުރި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނާއި، އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތާއި، އިތުރު ދެ މެންބަރުންގެ މައްސަލައެވެ.
ދީދީ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އެ ފަސް މެންބަރުން އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅި ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކޮށް ދައުވާ އުފުލައިދިނުމަށް ދީދީ ވަނީ އެދިވަޑައިގެންފައެވެ.
ފުލުހުން ބުނީ މިފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. ޕޮލިހުން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީގެ ފަސް މެންބަރަކާއި ގުޅޭގޮތުން ފުލުހުންނަށް މިރޭ ސިޓީއަކުން މައްސަލަ ހުށަހަޅުއްވާފައި ވާކަމަށެވެ. އަދި ފުލުހުން ދަނީ އެ މައްސަލައަކީ ޖިނާއީ ތަހުގީގު ކުރަން ޖެހޭ ބާވަތުގެ މައްސަލައެއްތޯ ބެލުމަށް މައްސަލަ ދިރާސާކޮށް ބަލަންޖެހޭ ކަންކަން ބަލަމުން ކަމަށެވެ.
ޖޭއެސްސީގެ ފަސް މެންބަރެއްގެ މައްސަލަ ދީދީ ފުލުހުންނަށް ހުށަހަޅުއްވާފައިވާ އިރު، އެ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އޭނާ ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ޖެހިގެން އައި ދުވަހު އޭނާގެ މައްޗަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެކަމަށް ބުނެ ޖޭއެސްސީގެ ނިންމުން ބާތިލްކޮށްފައެވެ.