އެއީ މިދިޔަ މަހުގެ 4 ވަނަ ދުވަހެވެ. ސިންގަޕޫރުގެ ޑައިވިންގް އިންސްޓަރަކްޓަރެއް ކަމަށްވާ، އުމުރުން 60 އަހަރުގެ ޖީން ލޯ ތައްޔާރު ވަމުން ދިޔައީ ދެކުނު ޗައިނާ ކަނޑުގައި އޮންނަ ޓިއޮމަން އައިލަންޑް ކައިރިއަށް ޑައިވް ކުރުމަށެވެ. ނަމަވެސް ޖެހި ބޮޑު ރާޅަކާއެކު އޭނާގެ ކުޑަ ބޯޓު ބަންޑުން ޖަހާލައި، އަޑިއަށް ދިޔައެވެ. ސަލާމަތް ކުރެވުނު ހަމައެކަނި އެއްޗަކަށްވީ ބޮއެކާ އަތްދަބަހެކެވެ.

ފަތާފައި އެއްގަމަށް އެރޭނެ ކަމުގެ ޔަގީންކަން އޮތުމުން ލޯ އެހާ ހާހެއް ނުވިއެވެ. ނަމަވެސް އޮއެ ގަދަވެ، އޭނާއަށް އެއްގަމަށް އެރޭ ގޮތެއް ނުވިއެވެ. ހައްތަހާވެސް ދަނީ މާސިންގާ ކަނޑާ ދިމާލަށެވެ. ރަށްބޭރަށެވެ. ހާސްވާން ފެށީ ހިކިފަސްތަނެއް ލޮލުކޮޅަށްވެސް ނުފެންނަހާ ބޭރަށް އޭނާ އޮޔާ ގެންދަން ފެށުމުންނެވެ. ޖެހިގެން އައި 3 ރެއާއި، 4 ދުވަސް، ލޯ ހޭދަކުރީ ކަނޑުމަތީގައެވެ. ކާނެ އެއްޗެއް ނެތްތާ، ބޯލާނެ ސާފު ފެންފޮދަކާވެސް ނުލައެވެ.

https://www.facebook.com/photo.php?fbid=10216009874413538&set=a.4581138960367&type=3

ލޯ ކިއާދިން ގޮތުގައި މި ދުވަސްތަކުގައި އޭނާއަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ގޮންޖެހުމަކީ ނަފްސާނީ ގޮތުން އޭނާއަށް ކުރިމަތި ވަމުން ދިޔަ ހާސްކަމެވެ. މި ހާސް ކަމާ ކުރިމަތިލައި، އެކަނިވެރިކަމާ އޭނާ ކުރިމަތިލަމުން ދިޔައީ އަތުގައި އޮތް ގަޑިއާއި ބޮއާ ވާހަކަ ދައްކަމުންނެވެ.

ޖިސްމާނީ ތަކުލީފު ތައްވެސް ކުޑައެއް ނޫނެވެ. ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށުމާއެކު އާންމުކުރި ފުރަތަމަ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ހަންގަނޑުވެސް ވަނީ މުޅިން އަނދާފައެވެ. ތޮށިތޮއްޓަށް ހަންގަނޑު ނެއްޓެއެވެ. ލޯ ކިއާދިން ގޮތުގައި އެވަރުވީ އޭނާއަށް ހެދުނު ގޯހަކުންނެވެ. އަވީގެ ސީދާ ހޫނުން ފިހެމުން ދިޔަ ހަންގަނޑުގައި ޓީޝާޓާ ސޯޓުޖެހުމުން ދިލަ ނަގާތީ އެއްޗެހި ބޭލީއެވެ. ނަތީޖާ އަކަށްވީ އިތުރަށް ފިހޭ ގޮތްވުމެވެ. ބޮއިމަތީގައި އަތް އަޅައިގެން އެހާ ގިނައިރު އޮތުމުގެ ސަބަބުން އޭނާގެ ކިހިލިފަތުގެ ހަންގަނޑުވެސް އޮތީ ބޮއެގައި ތަތްލައިފައެވެ. ކަނޑުގެ އެކިކަހަލަ ދިރުންތައް އޭރުވެސް އޭނާގެ ފައިގައި ކޮށަމުން ދިޔައެވެ.

މިހާލުގައި އޮވެ، ނަފްސާނީ ނުތަނަވަސްކަން ބޮޑުވަމުން ގޮސް، ބޮއިއިން އަތް ދޫކޮށްލުމަށް ބުނާ އަޑެއް އޭނާއަށް އިވެން ފެށިކަމަށް ލޯ ކިއާދިނެވެ. ނަމަވެސް އޭނާ އެ އަޑަށް ސަމާލުކަމެއް ނުދިނެވެ. ބޮއިއިން އަތް ދޫނުކޮށް ހިފަހައްޓައިގެން އޮތީ އޭނާގެ އާއިލާއަށްޓަކައި ކަމަށް ލޯ ކިއާދިނެވެ.

https://www.facebook.com/zaobaosg/videos/449445435882199/

ލޯ ސަލާމަތް ކޮށްފައި ވަނީ އެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ ބޯޓަކުންނެވެ. ސިންގަޕޫރުން އޭނާއަށް ފަރުވާ ކުރި ޑޮކްޓަރުން ބުނި ގޮތުގައި އޭނާގެ ފުއްޕާމޭ ވަނީ އިންފެކްޓް ވެފައެވެ. ކިޑްނީ ފެއިލް ވެއެވެ. ނަމަވެސް މިހާރު އޭނާ ވަނީ އެކަން ކަމަށް ފަރުވާ ހޯދާ، ގަދަވެފައެވެ. އަދި އޭނާގެ ފުރާނަ ސަލާމަތް ކޮށްދިން ބޯޓުގެ ފަޅުވެރިންނާވެސް ބައްދަލު ކޮށްފައެވެ. އަދި އެފަދަ ގޮތަކަށް އިތުރު މީހަކު ސަލާމަތް ކުރަން ނުޖެހޭނެ ކަމަށް އުއްމީދު ކުރާކަމަށްވެސް ލޯ ވަނީ ބުނެފައެވެ.