އިންޑިއާއަށް އެތެރެކުރާ އެމެރިކާގެ 28 އުފެއްދުމަކުން ނަގާ ކަސްޓަމްސް ޑިއުޓީ ބޮޑުކުރުމަށް އިންޑިއާއިން ނިންމާ، މިއަދުން ފަށައިގެން އެ ގަވައިދު ތަންފީޒުކުރަން ފަށައިފިއެވެ.

އިންޑިއާއިން އެމެރިކާއަށް އެކްސްޕޯޓްކުރާ ސްޓީލްއާއި އެލުމިނިއަމް ފަދަ އުފެއްދުން ތަކުން އެމެރިކާއިން ނަގާ ޓެރިފް ބޮޑުކުރުމަށް އެގައުމުން ނިންމި ނިންމުމަށް ރައްދު ހަމަލާ ދެމުން، އިންޑިއާއިން ކަސްޓަމްސް ޑިއުޓީ ބޮޑުކުރި އުފެއްދުންތަކުގެ ތެރޭގައި އެކި ކަހަލަ ބަދަނާ، މުގާ، ތޮޅި އޮށުގެ ބާވަތްތައް ހިމެނެއެވެ.

ކަސްޓަމްސް ޑިއުޓީ ބޮޑުކުރުމާއެކު، އިންޑިއާގެ ބާޒާރުން މިތަކެތި ގަންނަން ލިބޭ އަގު އެތައް ގުނައެއް އުފުލިގެން ދާނެއެވެ. މިއާއެކު، މި އުފެއްދުންތަކުގެ ޑިމާންޑް ދަށްވާނެއެވެ.

އެމެރިކާއިން ގެންނަ 28 އުފެއްދުމަކުން ނަގާ ކަސްޓަމްސް ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން 219 މިލިއަން ޑޮލަރުގެ އިތުރު އާމްދަނީއެއް އިންޑިއާއަށް ލިބޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

ދެގައުމުގެ ދެމެދުގައި ކުރަމުންދާ ވިޔަފާރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2017 ވަނަ އަހަރާ 2018 ވަނަ އަހަރާ ދެމެދު އިންޑިއާއިން އެމެރިކާއަށް 47.9 ބިލިއަން ޑޮލަރުގެ މުދާ ވިއްކިއިރު، އެމެރިކާ އަތުން އިންޑިއާއިން ގަނެފައިވަނީ 26.7 ބިލިއަން ޑޮލަރުގެ މުދަލެވެ. ގަނެވިއްކުމުގެ ވިޔަފާރީގެ ފައިދާއަށް ބަލާއިރު، މިހާރުވެސް ފައިދާ ބޮޑީ އިންޑިއާއަށެވެ.