ޖަރުމަނުވިލާތުގެ ބްރޭންޑެއް ކަމަށްވާ ޕޫމާގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ފަލަސްޠީނުގެ 200 އެއްހާ ކުޅިވަރު ކުލަބުން ގޮވާލައިފިއެވެ.

ޕޫމާ ބްރޭންޑްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ފަލަސްޠީނުގެ ކުލަބުތަކުން ގޮވާލާފައިވަނީ އެ ބްރޭންޑުން އިސްރާއީލުގެ ފުޓުބޯޅަ އެސޯސިއޭޝަން ސްޕޮންސާ ކުރާ މައްސަލާގައެވެ.

މި އެއްބަސްވުން ބާތިލު ކުރުމަށް ޑިމާންޑްކޮށް، ބައިނަލްއަގުވާމީ ފެންވަރުގައި ޕޫމާ ބްރޭންޑާއި ދެކޮޅަށް ހޮނިހިރު ދުވަހު ވަނީ ހާއްސަ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ދުނިޔޭގެ އެކި ހިސާބުތަކުން 20 އަށް ވުރެ ގިނަ ގައުމުގެ އެކްޓިވިސްޓު ގުރޫޕު ތަކުން ވަނީ ބައިވެރި ވެފައެވެ.

އިސްރާއީލުގެ ފުޓުބޯޅަ އެސޯސިއޭޝަން (އިފާ)އަށް ދޫކޮށްފައިވާ ސްޕޮންސާޝިޕް އެއްބަސްވުން ބާތިލުކުރަންދެކަށް ޕޫމާ ބްރޭންޑްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް އެކްޓިވިސްޓުންދަނީ ޑިމާންޑުކުރަމުންނެވެ.

"ޕޫމާ ފަދަ ކުންފުނިތަކުން، ޣައިރު ގާނޫނީ އާބާދެއް ސްޕޮންސާ ކުރުމަކީ، އިސްރާއީލުގެ ސަރުކާރުން ޣައިރު ގާނޫނީ ގޮތެއްގައި ބިންތައް ފޭރިގަތުމަށް ހިންގި ޖިނާއީ ޖަރީމާ ބަލައިގަތުން. އަދި އެއީ ފަލަސްޠީނުގެ ކުޅިވަރަށް އިސްރާއީލުން ކުރަމުންދާ ޖެއްސުންތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް އާނބަސް ބުނުން" ޕަލަސްޓީނިއަން ކެމްޕެއިން ފޯ އެކަޑެމިކް އެންޑް ކަލްޗަރަލް ބޮއިކޮޓް އޮފް އިޒްރޭލް (ޕެކްބީ).

"ބޫޓުގައި ހުރި ވަރު ޕޫމާއަށް ދައްކާލުން" މި ޝިއާރުގެ ދަށުން، އެ ބްރޭންޑް ބޮއިކޮޓްކުރުމަށް ގޮވާލާ، ފަލަސްޠީނުން ފަށާފައިވާ ހަރަކާތާއި ގުޅިގެން ޕޫމާ ކުންފުނިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.