އިނގިރޭސިވިލާތުގައި މިހާރު ކުރިޔަށްދާ ކުރިކެޓް ވާލްޑް ކަޕް މުބާރާތުގައި އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ޕާކިސްތާނާއި އިންޑިއާ ބައްދަލުކުރާ މެޗު، މިއަދު މެންދުރު ފަހު އޮންނާނެއެވެ.
މެންޗެސްޓާގެ ދަނޑުގައި މިއަދު މެންދުރު ފަހު 14:30ގައި އިންޑިއާއާއި ޕާކިސްތާނުން ކުޅެން މި ނިކުންނަނީ، ކަޝްމީރުގެ ޕުލްވާމާ ހަމަލާތަކާ ގުޅިގެން، މިމެޗު ކެންސަލްކުރުމަށް ގޮވާލިތާ ބަރާބަރު 4 މަސްދުވަސް ފަހުންނެވެ.
ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު ކުޅިވަރާ ސިޔާސީ ކަންކަމަކީ ވަކި ނުކުރެވޭނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ވަކިން ހާއްސަކޮށް އިންޑިއާއާއި ޕާކިސްތާނުގެ ކޯޅުމާ ކުރިކެޓަކީ ވަކި ނުކުރެވޭނެ ކަމެއް ކަމަށްވެއެވެ. އެގޮތުން، 2008 ވަނަ އަހަރުގެ މުމްބައީ ހަމަލާތަކާ ގުޅިގެން، ކުރިކެޓްވެސް ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ މައިދާންތަކުގައި ޕާކިސްތާނު އެކަހެރި ކުރުމުގެ ސިޔާސަތެއް އިންޑިއާއިން ތަންފީޒު ކުރަމުން ދިޔައީ ޕާކިސްތާނުގެ ސިޔާސަތަށް ބަދަލުތަކެއް އަންނާނެ ކަމުގެ އުއްމީދުގައެވެ.
ކަންމިހެން އޮތް ނަމަވެސް، މިފަހަރުގެ މެޗް ބޮއިކޮޓްކުރުމަށް އިންޑިއާއިން ގޮވި ގޮވުމަކީ، ރޯވެފައިވާ އަލިފާން ގަނޑަކަށް ދަރުއެޅުން ކަމުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.
މީގެ އިތުރުން އިންޑިއާގެ ގައުމީ ކުރިކެޓްގެ ޓީމުގެ ޖާޒީއާއެކު އިންޑިއާ އަސްކަރިއްޔާގެ ނިޝާން ބޭނުން ކުރަމުންދާ މައްސަލަވެސް އޮތީ ބޮޑުވެފައެވެ. ނަމަވެސް ބައިނަލްއަގުވާމީ ކުރިކެޓް ކައުންސިލުން މިކަމާ އަދި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
މިއަދުގެ މެޗު، ދުނިޔޭގެ ހުރިހާ ހިސާބަކަށްހެން ވަގުތުން ދުރަށް ދައްކާއިރު، ޓިކެޓު ވިއްކަން ފެށިތާ އެންމެ 48 ގަޑިއިރުގެ ތެރޭގައި ހުރިހާ ޓިކެޓެއް ވަނީ ވިކި ހުސްވެފައެވެ. ބިލިއަނަކަށްވުރެ ގިނަ މީހުން މިއަދުގެ މެޗު ބަލާނެ ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ލަފާކުރެއެވެ.
ކުރިކެޓް ވާލްޑްކަޕުގެ ތާރީހަށް ބަލާއިރު، އިންޑިއާއާއި ދެކޮޅަށް ޕާކިސްތާނުން މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައި ބަލި ގަބޫލުކުރަންޖެހިފައި އޮތީ ޕާކިސްތާނަށެވެ.
ޕާކިސްތާނުގެ ފިކުރުވެސް މިކަމުގައި ތަފާތެވެ. ޕާކިސްތާނުގެ ކޯޗު މިކީ އަރުތޫރު ބުނާ ގޮތުގައި ކުރިކެޓަކީ އެއްބައިވަންތަކުރުވަނިވި ކުޅިވަރެކެވެ. އަދި ކުރިކެޓަކީ ސަރަހައްދީ އިމުގައި އުފެދިފައިވާ ނުތަނަވަސްކަމާ ސިޔާސީ ކޯޅުންގަނޑުގެ އަސަރުކުރަންވީ ކުޅިވަރެއް ނޫންކަމަށް ކުޅުންތެރިން ގަބޫލުކުރާކަމަށްވެސް ކޯޗުވަނީ ފާހަގަކޮށްފައެވެ.
ދެގައުމުންވެސް އިއްތިފާގުވާ ހަމަ އޮތީ އެންމެ ކަމެކެވެ. އެއީ މިއަދު ދެގައުމުންވެސް އެ ނިކުންނަނީ އާދައިގެ މަތިން އަނެއް ގައުމާ ދެކޮޅަށް މެޗެއް ކުޅެންކަމެވެ.