ސުޕްރީމް ކޯޓުގެ އަމުރާއެކު އެކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަސައްކަތަށް ނުކުމެވަޑައިގަތުމަށް ހުރަހެއް ނެތްކަމަށް، ފޮނަދޫ ދާއިރާއިގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވަނީ، ޖޭއެސްސީއިން ބަލަމުންއަންނަ ދީދީގެ މައްސަލައަކާއި ގުޅިގެން އޭނާ ސަސްޕެންޑް ކުރުމާއި ގުޅިގެން ދީދީގެ މައްޗަށް ފިޔަވަޅެއް ނޭޅޭނެ ކަމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުމާއި ގުޅިގެންނެވެ.

ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރިފައިވަނީ، ދީދީ ސަސްޕެންޑް ކުރުމާއި ގުޅިގެން އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅެއްވި މައްސަލައަށް ރިއާޔަތްކޮށެވެ. ސުޕްރީމް ކޯޓުން ބުނެފައިވަނީ މި މައްސަލަ ހުށަހަޅުއްވާފައިވާ ގޮތަށް ޖުޑީޝަލް ސާވިސް އަށް ބަލައިގަނެ އެ ކޮމިޝަނުން ގޮތް ނިންމައި، ފިޔަވަޅު އެޅޭނެ މައްސަލައެއް ނޫން ކަމުގައި ކަނޑައަޅައި، އަދި ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމަށް ނިންމާފައިވާ ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުމެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެދި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ފަނޑިޔާރު އަބްދުﷲ ދީދީ ހުށަހަޅުއްވާފައިވާ ފޯމު ބަލައިގަތުމަށް ސުޕްރީމް ކޯޓުން ނިންމާފައި ވާކަމަށެވެ.

އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާއެކު ދީދީ މަސައްކަތަށް ނުކުމެވަޑައިގަތުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ޖޭއެސްސީ ގެ އަމުރު ބަލައި ނުގަތުމަކީ އެ އަމުރުގެ ބާރު ކެނޑިގެންދާ ކަމެއް ނޫން ކަމަށެވެ.

"ދުސްތޫރީ މައްސަލަ ބަލާގޮތް ނިންމުމުގެ ބާރު ގާނުނު އަސާސީން ދީފައިވަނީ ސުޕްރީމް ކޯޓަށް"
އަބްދުއްރަހީމް އަބްދުﷲ

ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރީ ބަލަމުންދާ ޖިނާއީ މައްސަލައަކާއި ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށް ޖޭއެސްސީން ބުނެއެވެ. ޖޭއެސްސީން ދީދީ ސަސްޕެންޑް ކުރުމާއި ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެ އޭނާގެ ސަސްޕެންޝަން އުވާލާފައެވެ.

މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލިހާއި ޖޭއެސްސީ ވެސް މަސައްކަތް ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، ސުޕްރީމް ކޯޓުން ފަހުބަސް ބުނަން ޖެހޭނީ ގަނޫނާއި ގާނޫނުގައި ބުނާގޮތުގެ މަތިން ކަމަށެވެ. އަދި ޖޭއެސްސީއާ މަތިކޮށްފައިވާ މަސައްކަތެއް ހިނގަމުން ދަނިކޮށް އެ މަސައްކަތާ ގުޅޭ ފަހުބަސް ބުނުމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ސުޕްރީމް ކޯޓުގެ އިހުތިސާސުން ނެއްޓި ޖޭއެސްސީގެ އިހުތިސާސްގެ ތެރެއަށް ވަނުމަކީވެސް ގާނޫނީ ހަމަތަކުގެ ތެރެއިން ކުރެވޭނެ ކަމެއްނޫން ކަމަށެވެ.