ރާއްޖެއިން ބޭރަށް ހަނގުރާމައަށް ދިޔަ ދިވެހިން އަނބުރާ ރާއްޖެ ގެނައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖެއިން ބޭރުގައި ހަނގުރާމައަށް ދިޔަ ދިވެހިންގެ އަދަދު 160 އަށް އަރާ ކަމަށެވެ. މީގެ އިތުރުން 30 ވަރަކަށް ކުޑަކުދިން ވެސް ހަނގުރާމަ ކުރާ ސަރަހައްދު ތަކުގައި އުޅޭ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސީރިއާ ހަނގުރާމައަށް ދިޔަ މީހުން އެނބުރި އެމީހުންގެ ގައުމުތަކަށް ދާން ބޭނުންވާ މައްސަލައަކީ ބައިނަލްއަގްވާމީ މައްސަލައެއް ކަމަށެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައިން އެކަމާ މެދު މަޝްވަރާކޮށް، ރަނގަޅު ހައްލެއް ހޯދުން މުހިއްމު ވެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ހަނގުރާމައަށް ދިޔަ މީހުން އެނބުރި ރާއްޖެ އައިސްފިނަމަ އެމީހުން ރިހެބިލިޓޭޓް ކުރެވޭނެ ގޮތެއް ވެސް ރާއްޖެއަކު ނެތްކަމަށެވެ. އެހެންކަމުން އެކަމަށް ގޮތެއް ހަމަޖައްސަން ޖެހޭނީ ބައިނަލްއަގްވާމީ މުޖުތަމައިން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ ހަނގުރާމައަށް ދިޔަ މީހުން އަނބުރާ ވަގުތުން ގައުމަށް ގެނައުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.
ނަޝީދު ވިދާޅުވީ ސީރިއާއަށް ދިޔަ ދިވެހިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ އިރު، ހަނގުރާމަ ވެރިންނަށް ރާއްޖެއަށް އަތްގަދަ ނުކުރެވޭނެކަން ޔަގީން ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ސީރިއާ އަށް ދިޔަ ދިވެހި އަންހެނުންނަށް ލިބިފައިވާ ކުދިންނާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާ އެކަމަކު އެކުދިންގެ ގައުމިއްޔަތު ކަށަވަރު ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި ސީރިއާގެ ރެފިއުޖީ ކޭމްޕު ތަކުގައި 116 ދިވެހިން އެބަ ތިބި ކަމަށާ އެމީހުންގެ 30-40 ކުދިންވެސް ތިބި ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. މީގެ ކުރިން ވެސް ނަޝީދު ވަނީ ސީރިއާގައި ދިވެހިން ތިބި އަދަދާއި، އެމީހުން ތިބި ތަންތަނުގެ ވާހަކަ އެތައް ޕުލެޓްފޯމެއްގައި ދައްކާފައެވެ.
ނަޝީދު ވިދާޅުވީ ހަނގުރާމައަށް ދިޔަ ދިވެހިން ތިބި ތަންތަން ދިވެހި ސަރުކާރަށް ވަރަށް ރަނގަޅަށް އިނގޭ ކަމަށާއި އެމީހުން ކުރާ ކަންކަން ވެސް އިނގޭ ކަމަށެވެ.
ސީރިޔާގެ ހަނގުރާމާގައި ބައިވެރިވުމަށް ދިޔަ ދިވެހިންގެ ސީދާ އަދަދެއް ސާފު ނުވާ އިރު ކައުންޓާ ޓެރަރިޒަމް ސެންޓަރުން މި މައަދަދުތައް ޔަގީންކޮށްދޭން ދެކޮޅު ހަދައެވެ.