މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުނާއި، ކޮރަޕްޝަންގެ މައްސަލަތައް ބަލަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ދެ ރިޔާސި ކޮމިޝަނަށް ބާރުދޭ ބިލް މި ފެށޭ ހަފްތާގައި ފާސްވެގެން ދާނެކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ނަޝީދު ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރުދިނުމަށް މަޖިލީހަށް ހުށަހެޅި ބިލްތައް، އަލުން 19 ވަނަ މަޖިލީހަށް ހުށަހެޅި ބިލް އޮތީ ކޮމިޓީ މަރުހަލާގައި ކަމަށެވެ. އަދި ފެށޭ ހަފްތާ ތެރޭގައި ބިލް މަޖިލީހުގެ ތަޅުމަށް ހުށަހެޅި ފާސްވެގެންދާނެ ކަމަށެވެ.

މަރުގެ މައްސަލަތަކާއި، ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފައްދާފައި ވަނީ، މަރާލާފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނާއި، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަތައް ބަލާ ކޮމިޝަނެވެ. މިދިޔަ މަޖިލީހަށް މި ދެ ބިލް ހުށަހެޅި ނަމަވެސް، މި ބިލް މިހާތަނަށް މަޖިލީހުން ފާސްކޮށްފައި ނުވެއެވެ.

މިދިޔަ މަޖިލީހުގައި ބިލުގެ މަސައްކަތް ދިގުދެމިގެން ދިޔަ އިރު، ބިލަށް ވޯޓު ނޭހި ހަތަރު ޖަލްސާއެއް ނިންމާލަން ޖެހުނެވެ. މި ބިލަކީ ރައްޔިތުން އެ ކަމެއްގެ މައްޗަށް އަމަލު ކުރުން ލާޒިމު ބިލަކަށް ވާތީ، މި ބިލަށް ވޯޓަށް އެހެން އޮންނަނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުން މަޖިލީހުގައި ހާޒިރުވެ ތިބޭ ނަމައެވެ.

ލަންކާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ ދެ ކޮމިޝަންގެ މަސައްކަތް ވަރަށް ބާރަސް ކުރިއަށް ދާކަަމަށް ވިދާޅުވެފައެވެ. އަދި މައްސަލަތަކުގެ އަސްލު ދެނެގަނެވި މައްސަލަތައް ނިމުމަކާ ހަމައަށް އާދެވިފައި ވާކަމަށް މަރު ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވިކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެ ކޮމިޝަނުގެ ރައީސް ސުއޫދު އަޅުގަނޑަށް މައުލޫމާތު ދެއްވި ގޮތުގައި، މިހާރުވެސް ދައުވާ ކުރެވޭ މިންވަރަށް އެ ކޮމިޝަނަށް މައުލޫމާތު ވަނީ ހޯދިފައި. އެކަމަކު އޭގެ ތަފްސީލެއް އަދި ސުއޫދު އަޅުގަނޑަކަށް ދެއްވާފައެއް ނުވޭ،" ނަޝީދު ވިދާޅުވިއެވެ.

މަރު ކޮމިޝަނުން ވަނީ އެ ކޮމިޝަނުން ބަލަމުން އަންނަ ބޮޑެތި މައްސަލަތަކުގެ މޯޓިވް ދެނެގަނެވިފައި ވާކަމަށް ބުނެފައެވެ. އަދި ވަރަށް އަވަހަށް އެ މައްސަތަކުގެ މައުލޫމާތު ހާމަކުރާނެ ކަމަށާއި، ކޮމިޝަނަށް ގާނޫނީ ބާރު ލިބުމުން އެ މައްސަލަތައް ބެލުމަށް ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތް ފަށާނެކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.