ފެނަކަ ކޯޕަރޭޝަންގެ ރަސްމީ ޓްވީޓާ އެކައުންޓު ބޭނުން ކުރަމުން ދިޔަ މުވައްޒަފަށް އޮޅިގެން އެ އެކައުންޓުން ކުރެވުނު ޓްވީޓާ މެދު އެ މުވައްޒަފަށް ފިޔަވަޅު އަޅާނެ ކަމަށް ފެނަކައިން ބުނެފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން އާއި ޖުޑީޝަރީއާ ޖެހިގެން އުޅޭ މައްސަލައަށް ހިޔާލު ފާޅުކޮށް ފެނަކައިގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓްގެ މައްސަލައާ ގުޅިގެން އެކުންފުނިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އެ މުވައްޒަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ ބާވަތުގެ ކަންކަމަކީ އެ ކުންފުނީގެ މެނޭޖްމަންޓުން ބަލައިގަންނާނެ ކަންކަން ނޫންކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ފެނަކައިން ބުނީ، ރަސްމީ ޓްވީޓާ ހެންޑްލް "ޓީމްފެނަކަ" އިން ކުންފުނީގެ މަސައްކަތުގެ ދާއިރާއާ ނުގުޅޭ، އަދި އެއްވެސް ގޮތަކަށް އެކަށީގެން ނުވާ ޓްވީޓެއް ކޮށްފައިވާ މައްސލަަ އެ ކުންފުނިން ބަލާފައިވާ ކަމަށެވެ. އެއީ ޓްވިޓާ ހެންޑަލް ހަވާލު ކުރެވިފައިވާ މުވައްޒަފު އޭނާގެ އަމިއްލަ ޓްވިޓާ އެކައުންޓުން ޓްވީޓެއް ކުރަން އުޅުމުގެ ތެރޭގައި ދިމާވެފައިވާ ކަމެއް ކަމަށް ދެނެގަނެވިފައިވާ ކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިގެ ޓްވީޓާ ގުޅިގެން އާންމުންގެ ފާޑުކިޔުން އެ ކުންފުންޏަށް އަމާޒުވެފައި ވާ އިރު ފެނަކައިން ވަނީ އާންމުންގެ ފަރާތުން މައާފަށްވެސް އެދިފައެވެ.
އެގޮތުން ފެނަކައިން ކޮށްފައިވާ ޓްވީޓާ މެދު ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރަމުންދާ ބައެއް ފަރާތްތަކުން ބުނަމުން ދަނީ މިހާރު ސަރުކާރު ކުންފުނިތައްވެސް އެކްޓިވިސްޓުންގެ ދަރަޖައަށް ވެއްޓިއްޖެ ކަމަށެވެ. އަދި ޓްވީޓާ ގެންގުޅެން ނޭނގޭ މުވައްޒަފުންގެ އަތަށް އެކައުންޓް ބަލަހައްޓަން ހަވާލު ކުރީމައި އަދި މިއަށް ވުރެ ލަދުވެތި ކަންކަމާވެސް ދިމާވާނެ ކަމަށެވެ.
މީގެ އިތުރުން ވެސް ޓްވީޓާގައި ފެނަކައިން މާ ބޮޑަށް ޝުއޫރު ފާޅުކޮށްފައިވާ ކަމަށް އާންމުން މީހުން ބުނެ ޓްވީޓް ކޮށްފައިވެއެވެ.