އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ހުސައިން ހުމާމް އަހުމަދު، ހ. ލޮބީ، ހައިކޯޓަށް ހުށަހެޅި މައްސަލައެއްގައި ވަކާލާތުކޮށްފައިވާ ފަރާތަކީ އުޝާމްކަމަށް ހެކި ދައްކައިފި މަޖިލީހުން އިސްތިއުފާ ދެއްވާނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އާންމުންގެ މީހަކު ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުން ވިލީމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމަށް ވިދާޅުވީ، މީހުންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރައިގެން އެމީހަކަށް ލިބެނީ ކޮންކަހަލަ ހިތްހަމަޖެހުމެއް ކަން އޭނާއަށް ނޭނގޭ ކަމަށެވެ. ނަމަވެސް ހުމާމް މެރުމަށް ހައިކޯޓުގައި އޭނާ ވަކާލާތުކޮށްފައިވާ ކަމަށް ހެކި ދެއްކިއްޖެ ނަމަ މަޖިލިސް މެންބަރުކަމުން އޭނާ އިސްތިއުފާ ދެއްވާނެ ކަމަށް ވެސް އުޝާމް ވިދާޅުވެފައި ވެއެވެ.
އާންމުންގެ މީހަކު ކޮށްފައިވާ ޓްވީޓުގައި ބުނެފައި ވަނީ، ވިލީމާލެ ދާއިރާއަށް ހޮވިވަޑައިގެން އުޝާމް އެ މަގާމަށް ކުރިމަތި ލައްވައިގެން އުޅުނު އިރުވެސް އޭނާއަކީ ރަނގަޅު މަގުން ދާނެ "ބަންގާޅަ އޮޑިއެއް" ނޫން ކަމަށެވެ. އެކަން އިތުރަށް ތަފްސީލްކޮށް ދެމުން އެމީހާ ބުނެފައި ވަނީ ހުމާމް މެރުމަށް ހައިކޯޓުގައި ވަކާލާތު ކުރެއްވި ބޭފުޅަކީ އުޝާމް ކަމަށެވެ.
އެފަދަ ހެއްކެއް ދައްކައިފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް އުޝާމް ވިދާޅުވުމުން އެޓާނީ ޖެނެރަލް އޮފީހުގެ ތައްގަނޑު ޖެހި ލިޔުންތަކެއްގެ ފޮޓޯލާފައި އެމީހާ ވަނީ 'މިއޮތީ ހެކިކަމަށް' ބުނެ ރައްދު ދީފައެވެ. އެ ލިޔުމުގައި ވަނީ، އެއްވެސް ގާނޫނެއްގެ ދަށުން ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ މީހެއްގެ މައްޗަށް، މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓުވުމުގެ ނުވަތަ ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެންޖެހޭ ޝަރުއީ އަދި ގާނޫނީ އެއްވެސް ހަމައެއް ނެތްކަމަށް ކަނޑައަޅައި، ފައިސަލާ ކުރަނިވި ހުކުމެއް ނެރެ އެ މައްސަލަ އަވަހަށް ނިންމުމަށެވެ.
ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ހުސެން ހުމާމް މެރުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށް، ހުކުމް ދަމަހައްޓައި ވަނީ މިދިޔަ އަހަރުގެ ޖޫން 24 ވަނަ ދުވަހު ގައެވެ.
އދ. ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ހުމާމް މަރަން ކުރި ހުކުމް ތަންފީޒު ކުރުން ފަސްކޮށް، އޭނާގެ ޝަރީއަތާ ގުޅޭ ގޮތުން ހަ މަސްދުވަހުގެ ތެރޭގައި ޖަވާބުދާރީ ވާން ރާއްޖެއަށް މިދިޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހު އަންގާފައެވެ. ހުމާމްގެ ވަކީލުން ވިދާޅުވެފައި ވަނީ އދ. އިން ނެރުނީ ވަގުތީ އަމުރެއް ކަމަށާއި އެ އަމުރަށް އަމަލުކުރުން ސަރުކާރަށް ލާޒިމް ވާނެ ކަމަށެވެ.
މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދު ބުނާގޮތުން މަރުގެ އަދަބު ދެވޭނީ ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަންޖައްސައިގެންނެވެ. އެ ގަވާއިދު ބުނާގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ އިސްތިއުނާފް މަރުހަލާ ނިމި އަދި މަރުވި މީހާގެ ވާރިސުން އެންމެފަހު ވަގުތު ވެސް ގާތިލަށް މައާފް ނުދީފި ނަމައެވެ.
ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓައި، އިސްތިއުނާފްގެ މަރުހަލާ ނިމިފައިވާ ތިން މީހަކު ރާއްޖޭގައި އެބަ ތިއްބެވެ. އެއީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ވަކީލް އަހުމަދު ނަޖީބުގެ ގާތިލް އަހުމަދުގެ މުއްރަތާއި އަދި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދުގެ ގާތިލް މުހައްމަދު ނަބީލެވެ.